މައްކާގެ ހޫނުމިން 47 ޑިގްރީއަށް މައްޗަށްދާނެ ކަމަށް ލަފާކޮށްފި

މި އަހަރުގެ ހައްޖު މޫސުމުގައި މައްކާގެ ހޫނުމިން 47 ޑިގްރީއަށް މައްޗަށްދާނެ ކަމަށް ލަފާކުރެވޭތީ، ހައްޖުވެރިން ހޫނުން ރައްކާތެރިކުރުމަށާއި ސިއްހީ ފަރުވާގެ ކަންކަން ސައުދީ އަރަބިއާގެ ކަމާބެހޭ ފަރާތްތަކުން ވަރުގަދަކޮށްފި އެވެ.

ސައުދީގެ ނޭޝަނަލް ސެންޓަރު ފޯ މީޓިއޮރޮލޮޖީން ލަފާކޮށްފައިވާ ގޮތުގައި މައްކާގެ ފިނިހޫނުމިން 47 ޑިގްރީ ސެލްސިއަސްއަށް އަދި މަދީނާގެ ފިނިހޫނުމިން 44 ޑިގްރީ ސެލްސިއަސްއަށް އަރާނެ އެވެ. އަދި ވައިގެ ތެތްކަން 40 ޕަސެންޓަށް އުފުލި، ހާމަ ތަންތަނުގައި ހިރަފުސް ބުރާ ވަރަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

އެހެންވެ ސައުދީގެ ހެލްތް މިނިސްޓްރީން ވަނީ މުގައްދަސް ބިންތަކުގެ މެދުގައި ދަތުރުފަތުރު ކުރާއިރު، ހޫނުގެ ސަބަބުން ވަރުބަލިވުމާއި ހަށިގަނޑުން ފެންމަދުވުމުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކުޑަ ބޭނުންކުރުމަށް ހައްޖުވެރިންނަށް އިލްތިމާސްކޮށްފަ އެވެ. ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކުޑައިގެ ސަބަބުން ހަމައެކަނި ހިޔާ ލިބުމުގެ އިތުރުން، ހައްޖުވެރިޔާގެ ވަށައިގެންވާ ފިނިހޫނުމިން 10 ޑިގްރީ ސެލްސިއަސްއާ ހަމައަށް ދަށްކޮށްދީ، ހައްޖުގެ އަޅުކަންތައް އަދާކުރުމުގައި ހަށިގަނޑަށް ކުރާ ބާރު ކުޑަކޮށްދެ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް މަދުވެގެން 1.6 މިލިއަން ހައްޖުވެރިން މައްކާއަށް ޖަމާވާނެ ކަމަށް ބެލެވޭއިރު، ”ކަސްޓޯޑިއަން އޮފް ދަ ޓޫ ހޮލީ މޮސްކްސް ގެސްޓް ޕްރޮގްރާމް“ ގެ ދަށުން 104 ގައުމަކުން 2,500 މީހަކު ހައްޖުގެ އަޅުކަން އަދާކުރާނެ އެވެ.