ލޫކަސް ބަންދުން ދޫކޮށްލައިފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް) --

ޖަލަށްލާފައިވާ ދެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް) ބަންދުން ދޫކޮށްލައިފިއެވެ.

ނޫސްވެރިކަމުގެ ދިފާއުގައި އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ލޫކަސް ހައްޔަރުކުރީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އޭނާއާއެކު އިތުރު ނުވަ މީހަކު ވެސް ހައްޔަރުކުރިއެވެ.

ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރުކުރުމުން ލޫކަސްއަށް ވަނީ ދިހަ ދުވަސް ޖަހައިފައެވެ. އަދި ހަތް މީހަކު ދޫކޮށްލި އިރު، އެކަކަށް ފަސް ދުވަސް އަދި އަނެކަކަށް ތިން ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހިއެވެ.

ފުލުހުން އޭރު ބުނެފައިވަނީ، އެމީހުން ހައްޔަރުކޮށްފައިވަނީ މުޒާހަރާގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާ ގުޅިގެން ކަމަށެވެ.

ލޫކަސް ހައްޔަރުކުރުމާއެކު، ސަރުކާރާ އިދިކޮޅު ގިނަ ބަޔަކު ވަނީ ލޫކަސް އާއި ހައްޔަރުކޮށްފައިވާ ”އަދަދު“ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ވަގުތުން ދޫކޮށްލުމަށް ގޮވާލައިފައެވެ.

ލީވާން ޖަލަށްލީ ”އަދަދު“ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ހަބަރު ގެނެސްދިން ގޮތުން، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައެވެ. ކްރިމިނަލް ކޯޓުގެ އެ އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށް ވެސް އެ އަމުރުގައިވެއެވެ. ލީވާނަށް ދިހަ ދުވަހުގެ ޖަލު ހުކުމެއް އިއްވީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ލީވާން ޖަލަށްލި ދުވަހު ”އަދަދު“ ނޫހުގެ އެހެން ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ޝަހުޒާން ވެސް ވަނީ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ޖަލަށްލައިފައެވެ. ޝަހުޒާން ޖަލަށްލީ އެ ޑޮކިއުމެންޓްރީއާ ގުޅޭ ސުވާލުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒާ ކުރެއްވުމާ ގުޅިގެންނެވެ. އޭނާއަށް އިއްވީ 15 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ ދެ ނޫސްވެރިންގެ ތެރެއިން ލީވާން ވަނީ މިދިޔަ ހުކުރު ދުވަހު ބަންދުން ދޫކޮށްލައިފައެވެ.