ވެރިކަން ހިންގާ ޕީއެންސީއަކީ ސެނެޓަރުންގެ ބައިވެރިވުމާއެކު ނިކަން ޗާލުކޮށް ނިންމުންތައް ނިންމާ ޕާޓީއެއް ކަމަށް މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ އެހެން ވިދާޅުވެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުށަހެޅުއްވުމެއް ޕީއެންސީގެ ސެނެޓުން ބޭރުކޮށްލާފައިވާ ކަމަށްބުނެ، ”އަދަދު“ ނޫހުން ލިޔެފައިވާ ހަބަރަކާ ގުޅިގެންނެވެ.
ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިއުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް ކަންކަން ނިންމުމަށް، ދާދިފަހުން ބޭއްވި ޕީއެންސީގެ ސެނެޓް ބައްދަލުވުމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ސެނެޓުގެ ތާއީދު ނުލިބުނު ކަމަށް އެ ހަބަރުގައި ބުނެފައިވެއެވެ.
އެ ހަބަރާ ގުޅޭ ވާހަކަތައް ދޮގުކުރައްވަމުން މޯލްޑިވްސް ގޭސްގެ އެމްޑީ އަބްދުﷲ ވިދާޅުވީ ޕީއެންސީއަކީ ޑިމަކްރަސީއަށް ފައްކާވެފައި އޮތް ޕާޓީއެއް ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ސެނެޓު ބައްދަލުވުމުން ޕީއެންސީން ނިންމި ނިންމުންތަކަކީ މަޝްވަރާގެ ރިވެތި އުސޫލުން ނިންމި ނިންމުންތަކެއް ކަމަށެވެ.
”ސެނެޓަރުންގެ ބައިވެރިވުމާއެކު ނިކަން ޗާލުކޮށް ނިންމުންތައް ނިންމާ ޕާޓީއެއް. ޕީއެންސީގެ ރައީސަކީ މަޝްވަރާގެ މަތިވެރި އަސާސްތައް ނަގަހައްޓާ، ދަމަހައްޓާ ރައީސެއް،“ އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ ޕީއެންސީގެ ރައީސް، ރައީސް މުއިއްޒަކީ އެތެރެއާއި ބޭރުގައިވެސް މަޝްވަރާއަށް ތަންމިނަށް ޖާގަދެއްވާ ރައީސެއް ކަމަށާއި ވެރިކަން ކުރެއްވުމުގައި ރައްޔިތުންނާ ނިކަން ގާތުން، މެދުކެނޑުމެއްނެތި މަޝްވަރާކުރައްވާ ރައީސެއް ކަމަށެވެ.
ކުރިއަށްއޮތް ޕީއެންސީގެ ކޮންގްރެސްގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައިވެސް ދެފުށްފެންނަގޮތަށް، ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި މަޝްވަރާގެ އިންތިހާއަށް ޖާގަ އޮތްކަން ޕީއެންސީގެ ސެނެޓަރުންނަށްވެސް އަދި މަންޒަރު ބަލަންތިބެ ހަޖަމުނުވާ ފަރާތްތަކަށްވެސް ކަށަވަރުވާނެ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.







