މި އަހަރުގެ ހައްޖު ދުވަހުގެ މުނާސަބަތުގައި، ހުރިހާ ދިވެހި ރައްޔިތުންނަށް ހެޔޮ ދަރުމަ އާއި ޘަވާބު ދެއްވުން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދުއާ ކުރައްވައިފި އެވެ.
އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި އެ މަނިކުފާނު މި ބަރަކާތްތެރި ދުވަސް ސިފަކުރައްވާފައިވަނީ، ރަހުމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ ދުވަހެއްގެ ގޮތުގައެވެ. އެ މަނިކުފާނުގެ މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ.
ހައްޖު ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ ހައްޖު ދުވަހުގެ އަޖުރާއި ރަހުމަތް އެންމެ ހެޔޮގޮތުގައި ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވައިފަ އެވެ. އެކްސްގައި އެ ކަމަނާ ހިއްސާކުރެއްވި މެސެޖުގައި، ދިވެހި ހައްޖާޖީންނަށް މަބްރޫރު ހައްޖަކަށް ވެސް އެދިވަޑައިގެންފައިވެ އެވެ.







