ދައުލަތުގެ މުވައްޒަފުންނަށް މި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޭނީ އަންނަ ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އީދު ބަންދާ ގުޅިގެން މިދިޔަ ހުކުރު ދުވަހުން ފެށިގެން ދައުލަތުގެ މުވައްޒަފުންނަށް ޗުއްޓީ ދީފައިވާއިރު، ބޮޑު ބަންދަކަށްފަހު އަލުން ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ އަންނަ އާދީއްތަ ދުވަހު އެވެ. ނަމަވެސް މުސާރަ ނުލިބި ލަސްވެފައިވާ ކަމުގެ ކަންބޮޑުވުން ބައެއް މުވައްޒަފުން ދަނީ ކުރަމުންނެވެ.
ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު މީޑިއާ އަށް ވިދާޅުވީ، މި މަހުގެ 28 އާއި 31 ވަނަ ދުވަހު މި މަހުގެ މުސާރަ ދޭން ކަނޑައެޅީ ބޮޑު އީދުގެ ބަންދާއި މި ދުވަސްވަރު ބޭންކުތައް ހުޅުވާފާއި ހުންނާނެ ދުވަހަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
މި ބަންދުތެރޭގައި ބޭންކުތައް ހުޅުވަން ކަނޑައަޅާފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެކަންޏެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ބުރާސްފައްޗާއި އާދިއްތަ ދުވަހު މުސާރަ އާއި އިނާޔަތްތައް ޖަމާކުރުމުގެ މަސައްކަތް ކުރާނެ އެވެ.
”ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައި. އެހެންކަމުން މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޫކުރާނީ 28 އަދި 31 މޭގައި،“ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މުސާރަ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން އެކަން ކުރިއަށް ގެންދާނެ ކަމަށެވެ.







