މާތްވެގެންވާ އަރަފާތު ބިމުގައި ހުންނަވައިގެން، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ނަސޭހަތްތަކެއް ދެއްވައިފިއެވެ.
ޝައިހް އިލްޔާސް ދެއްވި ނަސޭހަތުގައި ބޮޑަށް އަލިއަޅުއްވައިލެއްވީ އަރަފާތު ދުވަހުގެ މަތިވެރިކަމާއި، މާތް ﷲ އަޅުތަކުންނަށް ދެއްވާފައިވާ ނިއުމަތްތަކުގެ މައްޗަށެވެ. ޝައިހް ވިދާޅުވިގޮތުގައި އަރަފާތް ދުވަހަކީ މާތް ﷲ ގެ އަޅުންނަށް ފާފަފުއްސެވުމާއި، ނަރަކައިން މިންޖުކުރެއްވުން އެންމެ ގިނަ ދުވަހެވެ. އެހެންކަމުން، ހައްޖުގެ އަޅުކަމުގައި ތިބި މީހުންނާއި ރާއްޖޭގައި ތިބި މީހުން ވެސް މި ބަރަކާތްތެރި ވަގުތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ގިނަގިނައިން ދުއާކޮށް އިސްތިގުފާރު ކުރުމަށް ޝައިހް ވަނީ ނަސޭހަތްތެރިވެފައެވެ.
ޝައިޚް އިލްޔާސްގެ ނަސޭހަތުގައި ހާއްސަކޮށް ފާހަގަކުރެއްވީ، ”ހައްޖުން ލިބިގަންނަންޖެހޭ އެންމެ މުހިންމު ފިލާވަޅެއްގެ ގޮތުގައި މިވަނީ ވަޙްދާނިއްޔަތު ގާއިމުކުރާ ބަޔަކަށް އަޅުގަނޑުމެން ވެގެންދިއުން“ ކަމަށެވެ.
ޝައިހް އިލްޔާސް އިތުރަށް ވިދާޅުވި ގޮތުގައި، އިންސާނުން ބާލިގުވީއްސުރެ ފެށިގެން މިއަދާ ހަމައަށް ކުރެވިފައިވާ ހުރިހާ ފާފަތަކަކީ، އެހެން އެއްވެސް އިންސާނަކަށް ނޭނގުނު ކަމުގައި ވިޔަސް، އަމިއްލައަށް ރަނގަޅަށް ދަންނަ އަދި އެނގޭ ކަންތައްތައް ކަމަށެވެ. އަދި ހިތްތަކުގައި ސިއްރުކޮށްގެން ގެންގުޅޭ އެންމެހައި ކަންކަމާއި ހުރިހާ ސިއްރުތަކެއް މާތް ﷲ މޮޅަށް ދެނެވޮޑިގެންވާ ކަމަށެވެ. އެހެންކަމުން، އެކަލާނގެ ބައްލަވައިވޮޑިގެންވާކަން ހިތްމައްޗަށް ގެނެސް، އެންމެން މި ފުރުސަތުގެ ބޭނުން ހިފައި، އިހުލާސްތެރިކަމާއެކު ތައުބާވެ، ﷲ ގެ ހަޟްރަތަށް ރުޖޫއަވާންޖެހޭ ކަމަށް ޝައިހް ވިދާޅުވިއެވެ.
މީގެ އިތުރުން ޝައިހް އިލްޔާސް ވިދާޅުވީ، އިންސާނުންނަކީ އަބަދުވެސް ކަލާނގެއަށް ހަމްދާއި ޝުކުރުކުރުންމަތީ ދެމިތިބެންޖެހޭނެ ބައެއް ކަމަށެވެ. އަދި މާތް ﷲ ގެ ހަޟްރަތުން އަންނަ އިލާހީ ރަހުމަތް ކެނޑިއްޖެ ނަމަ، އިންސާނާއަކީ އެއްވެސް ބާރެއް ނެތް، ނުހަނު ނުކުޅެދުންތެރި މަހުލޫގެއްކަން ވިސްނައިގަންނަންޖެހޭ ކަމަށެވެ.
”އަޅުގަނޑުމެންގެ ލޮލުގެ ފެނުން ދެއްވީ ﷲ، އަޅުގަނޑުމެންގެ ހިތުގެ ވިންދު ޖެހުމުގެ ބާރު ދެއްވީ ﷲ، އަޅުގަނޑުމެންގެ ދެ ކަންފަތުގެ އަޑު އިވުމުގެ ބާރު ދެއްވީ ﷲ،“ އެހެންކަމުން މިފަދަ ހުރިހާ ކަމަކަށްޓަކައި އަބަދުމެ ޝުކުރުވެރިވުމާއެކު، ފާފަތަކުން ތައުބާވެ، މާތް ﷲ ގެ ހަޟްރަތަށް ރުޖޫއަވުމަށް ޝައިހް ނަސޭހަތްތެރިވެލެއްވިއެވެ.






