ލ. ގަމުގައި ކަރަންޓުގައި ޖެހުނު 14 އަހަރުގެ ފިރިހެން ކުއްޖާއަށް ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސް ވެންޓިލޭޓަރުގެ އެހީގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭގެ 11:00 އެހާކަންހާއިރުއެވެ. މި ހާދިސާ ހިނގި ވަގުތު ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ކުއްޖާގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމުގެ ސަބަބުން، މިއަދު ހެނދުނުގެ ކުރިން ވަނީ ވައިގެ މަގުން މާލެ ގެނެސްފައެވެ.
މި ހާދިސާއާ ގުޅިގެން ގަން ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރު ”ހަފްތާ“ އަށް މައުލޫމާތު ދެމުން ވިދާޅުވީ، މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކުއްޖާ ވެންޓިލޭޓަރުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށާއި، ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ ކައުންސިލް ރައީސް ވިދާޅުވީ، ވެންޓިލޭޓަރުން ނެގުމަށްފަހު ކުއްޖާގެ ހަށިގަނޑަށް އިތުރު މެޝިނެއް ގުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި އޭގެ ފަހުން ކުއްޖާގެ ހާލަތު ވަރަށް ގާތުން މޮނިޓާ ކުރަމުންދާނެއެވެ. ޑޮކްޓަރުން ބުނާގޮތުގައި ވެންޓިލޭޓަރުގައި ބޭއްވުމުން ކުއްޖާ މޮނިޓާ ކުރަން ބޮޑަށް މަސައްކަތް ކުރަނީ މެޝިނުން ކަމަށްވާތީ، ވެންޓިލޭޓަރުން ނެގުމަށްފަހު ހަށިގަނޑަށް ވާގޮތް ބެލުމަށްޓަކައި ވެންޓިލޭޓަރުގެ އިތުރުން އެހެނިހެން ގޮތްތަކާއި މެޝިންތައް ބޭނުންކުރާނެއެވެ.
ކައުންސިލް ރައީސް ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވީ ހައްޖު ދުވަހުކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ކުދިން ބޭނުންކުރި ލައިޓް ނިވުމުން، އެ ލައިޓް ރަނގަޅުކޮށްލަން ވެގެން އެ ކުއްޖާ ގޮސް ބޯޑުގެ ވައިރުގަނޑުގައި ހިފި ވަގުތު ވަނީ ކަރަންޓުގައި ޖެހިފައެވެ. ކުއްޖާ ކަރަންޓުގައި ޖެހުނުތާ ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެހެން ކުއްޖަކު ވަނީ ވަގުތުން ކަރަންޓު ކަނޑާލައިފައިކަމަށެވެ.






