ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.
އަންނަ އާދީއްތަ ދުވަހު ބާއްވާ މި ދައުރުގެ ފަހު ޖަލްސާގައި ކުރިއަށްގެންދިއުމަށް އެޖެންޑާގައި ހިމަނާފައިވަނީ ހަމައެކަނި ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސެވެ.
އޭގެ އިތުރުން ދުވަހުގެ މަސައްކަތުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމަށް ވެސް އެޖެންޑާގައި ވަނީ ހިމަނައިފައެވެ.
ނާޒިމް ވަކިކުރުމަށް ޕީއެންސީގެ 73 މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށަހެޅީ މިމަހުގެ 14 ގައެވެ. ޕީއެންސީން ހުށަހެޅި ގަރާރުގައި ނާޒިމް ވަކިކުރަން ޖެހޭ ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވުމާއި، މެންބަރުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމުގައި އިހުމާލުވުމާއި، މެންބަރުންގެ ވާޖިބު އަދާކުރުމަށް ހުރަހަކަށް ވެފައިވާ ކަމަށެވެ.
ނާޒިމް ވަކިކުރުމަށް އޭނާގެ އަމިއްލަ ޕާޓީ ޕީއެންސީން ހުށަހެޅި ގަރާރުގެ ބަހުސް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމަށް މިމަހުގެ 20 ގައި ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި، މައްސަލައިގައި ޖަވާބުދާރީވާން ނާޒިމަށް ދިހަ މިނެޓު ދިނުމަށް ވަނީ ފާސްކޮށްފައެވެ. ނާޒިމަށް ދިހަ މިނެޓު ދިނުމަށްފަހު ކޮންމެ މެންބަރަކަށް ތިން މިނެޓުގެ ފުރުސަތެއް ދީގެން ބަހުސް ކުރިއަށްގެންދަން ވަނީ ފާސްކޮށްފައެވެ.







