އިސްރާފުކުރުމަކީ ހުއްދަ ކަންކަމުގައި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ހަރަދުކުރުން ކަމަށާއި އެއީ އިސްލާމްދީނުގައި ހަރާމްކުރައްވައިފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ހޭދަކުރުމުގައި އިގުތިސާދުކުރުން“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ބިމުގައި ލައްވައިފައިވާ ތަކެތީގެ ތެރެއިން މުދަލަކީ ﷲ سبحانه وتعالى އެކަލާނގެ އަޅުތަކުންނަށް ދެއްވާ ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި މުދަލަކީ އަހަރެމެންނަށް ޓަކައި ލައްވައިފައިވާ ތަކެތި ކަމުގައި ވިޔަސް، އޭގެ ހަގީގީ މިލްކުވެރި ފަރާތަކީ މާތް ﷲ ކަމަށެވެ. އެއީ އަހަރެމެން އިމްތިހާނުކުރެއްވުމަށް ޓަކައި އަހަރެމެންނާ ހަވާލުކުރައްވައިފައިވާ އަމާނާތެއް ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, މުދަލަކީ އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތަކަށް ވީތީ އެ މުދާ ހޯދުމުގައާއި މުދާ ލިބުމަށް ފަހު އެ މުދާ ހޭދަކުރުމުގައި ވެސް ޝަރުއީ މިންގަނޑުތަކަށް ރައްކާތެރިވާން ޖެހޭނެ ކަމަށެވެ. އެގޮތުން މުދާ ހޯދާއިރު ހިޔާނާތްތެރިވުމާއި ފޭރުމާއި ވައްކަންކުރުމާއި ރިޝްވަތުދިނުމާއި ޓެކުމާއި ރިބާގެ މުއާމަލާތުކުރުމާއި ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވައިފައިވާ ކަންކަން ކަމަށް ބުންޏެވެ.
އޭގެ އިތުރުން މުދާ ލިބުމަށް ފަހު މުދަލަށް ގެއްލުންދިނުމާއި މުދާ ހަލާކުކުރުމާއި ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީ ވެސް ހުއްދަ ކަންކަން ނޫން ކަމަށާއި މުދާ ހޯދުމަށް ފަހު އެއިން އެއްވެސް ބޭނުމެއް ނުކޮށް އެ ތަކެތި ހަލާކުވާން ދޫކޮށްލުމާއި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަތުން ފަދަ ކަންކަމުން ދުރުވާން ޖެހޭނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ތިމާއަށް ދެއްވައިފައިވާ މުދަލުގައި، ތިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ބޭނުންޖެހިފައިވާ މީހުންނާއި ފަގީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ހައްގުތައް ވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެ ހައްގުތަކުން އެބައިމީހުން މަހުރޫމުކޮށްގެން ނުވާނެ ކަމަށެވެ. އަދި އަހަރެމެންނަށް ދެއްވައިފައިވާ ނިއުމަތްތަކާ މެދު ގިޔާމަތް ދުވަހުން ސުވާލުކުރެއްވޭނެ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, ދިރިއުޅުމުގެ ކަންތައްތަކާއި އާއިލާގެ ހަރަދު ބެލެހެއްޓުމުގައި އިގުތިސާދީ ވިސްނުމަކުން ވިސްނާންޖެހޭ ކަމަށެވެ. އެގޮތުން އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ހަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ހަރަދުކުރުމާއި ދަރަނި ނަގައިގެން ހަރަދުކުރާން ޖެހޭ ހާލަތެއް މެދުވެރި ނުވަނީސް، ދަރަނިނެގުން ފަދަ ނުރަނގަޅު އާދަތަކާ ދުރުވާންޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.







