ރެއާލްގެ އާ ކޯޗަކަށް މޮރީނިއޯ

ކޯޗު ހޯސޭ މޮރީނިއޯ -- ފޮޓޯ: ގެޓީ

ދިހަ އަހަރަށްވުރެ ގިނަ ދުވަހަށްފަހު ރެއާލް މެޑްރިޑްގެ އާ ކޯޗެއްގެ ގޮތުގައި މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ އެނބުރި އެ ކްލަބަށް އަތުވެއްޖެއެވެ.

ރެއާލް މެޑްރިޑުން މޮރީނިއޯ އެ ކްލަބުގެ އާ ކޯޗަކަށް ހަމަޖެއްސުމާއެކު ދިހަ އަހަރަށްވުރެ ގިނަ ދުވަހަށްފަހު އޭނާ އަލުން ސެންޓިއާގޯ ބަރނަބޭއުއަށް އެނބުރި އައީއެވެ. ރިޕޯޓުތައް ބުނާގޮތުން މޮރީނިއޯ ވަނީ އިތުރު އެއް އަހަރަށް އާކުރެވޭ ގޮތަށް ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. އޭނާ އެނބުރި މިއައީ ތައްޓެއް ނުލިބި ރެއާލް މެޑްރިޑުން ނިންމާލި މާޔޫސީ ސީޒަނަކަށް ފަހު ޓީމު އަލުން ބިނާކުރުމުގެ މަގުސަދުގައެވެ.

އުމުރުން 63 އަހަރުގެ މޮރީނިއޯ ރެއާލްއާ މި ގުޅުނީ ޕޯޗުގަލްގެ ބެންފީކާއަށް ބަލިނުވެ ލީގުގައި ހޯދި ރެކޯޑަކަށްފަހުއެވެ. އޭނާ އަލުން ގެނައުމުގައި ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. މީގެ ކުރިން 2010 އިން 2013 އަށް ރެއާލަށް އިރުޝާދުދީ މޮރީނިއޯ ވަނީ ސްޕެނިޝް ލަ ލީގާ އަދި ކޯޕާ ޑެލް ރޭ އާއި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. ހާއްސަކޮށް 2011 އިން 2012 އަށް ކުޅުނު ސީޒަނުގައި 100 ޕޮއިންޓް ހޯދައިގެން ލީގު ކާމިޔާބުކުރިކަން ފާހަގަކުރެވެއެވެ.

މޮރީނިއޯ އައްޔަންކޮށްފައިވަނީ ކުރީގެ ކޯޗު އަލްވާރޯ އާބެލޯއާގެ އިރުޝާދުގެ ދަށުން ވާދަވެރި ބާސެލޯނާގެ ފަހަތުން ލީގު ނިންމާލައި އަދި ޔޫރަޕްގެ މުބާރާތްތަކުންވެސް ނާކާމިޔާބުވި ސީޒަނަކަށް ފަހުގައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޮރީނިއޯ ވަނީ ބެންފީކާގައި އޭނާއާއެކު މަސައްކަތްކުރި ބައެއް ސްޓާފުން ގެނައުމަށް ނިންމައިފައެވެ.