ވޯލްޑް ކަޕް 1958 ފައިނަލުގައި ޕެލޭ ލީ ޖާޒީ ނީލަމަށް، ހަ މިލިއަން ޑޮލަރަށް އަގު އަރާފާނެ

ފީފާ ވޯލްޑް ކަޕް 1958 ގެ ފައިނަލުގައި ބްރެޒިލްގެ ލެޖެންޑް ޕެލޭ ލައިގެން ކުޅުނު ޖާޒީ --

ފީފާ ވޯލްޑް ކަޕް 1958ގެ ފައިނަލުގައި ބްރެޒިލްގެ ލެޖެންޑް ޕެލޭ ލައިގެން ކުޅުނު ޖާޒީ ނީލަމަކަށް ލާން ނިންމައިފިއެވެ.

”ސޮތަބީސް“ މެދުވެރިކޮށް ކުރިއަށްގެންދާ މި ނީލަމުގައި، މި ޖާޒީގެ އަގު ހަ މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ޖާޒީއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ މި މަހުގެ 29 ވަނަ ދުވަހުއެވެ. މި ނީލަން ނިމޭނީ ޖުލައި 16 ވަނަ ދުވަހުއެވެ. އެއީ މިއަހަރުގެ ވޯލްޑް ކަޕް ފައިނަލް އޮންނަ ދުވަހުގެ ތިން ދުވަސް ކުރިއެވެ.

ވޯލްޑް ކަޕް 1958 ގެ ފައިނަލުގައި ސްވިޑްންއާ ދެކޮޅަށް ކުޅުނު މެޗުގައި، އޭރު އުމުރުން އެންމެ 17 އަހަރުގެ ޕެލޭ ވަނީ ދެ ގޯލު ޖަހައި، ވޯލްޑް ކަޕް ފައިނަލެއްގައި ކުޅެ އަދި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. އެ މެޗުން ބްރެޒިލް 5-2 އިން މޮޅުވެ، އެ ގައުމުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލިއެވެ. މެޗަށް ފަހު ޕެލޭ ވަނީ އޭނާގެ 10 ނަންބަރު ޖާޒީ، އޭނާގެ ޓީމްމޭޓް އަދި ރޫމްމޭޓް ޑިޑާއަށް ހަދިޔާކޮށްފައެވެ.

ވޯލްޑް ކަޕް 1958 ގެ ފައިނަލުގައި ޕެލޭ ބޯޅައާއެކު — ފޮޓޯ: ގެޓީ

ޖާޒީގެ ދަތުރު

  • މިލްކުވެރިކަން: މި ޖާޒީ ގިނަ ދުވަސްތަކެއް ވަންދެން ހުރީ ޑީޑާގެ އާއިލާގެ އަތުގައި.
  • މިއުޒިއަމް: 1993 ވަނަ އަހަރު މި ޖާޒީ ’މިއުޒިއަމް ދޮސް އެސްޕޯޓެސް އެޑްވާލްޑޯ އަލްވޭސް ސަންތާ ރޯސާ‘ އަށް ހަދިޔާކުރި.
  • ނީލަން: 2004 ވަނަ އަހަރު އެ މިއުޒިއަމުން މި ޖާޒީ ނީލަމުގައި ވިއްކާލި އިރު، އޭރު އެ ޖާޒީ ވިކުނީ ގާތްގަނޑަކަށް 105,000 ޑޮލަރަށް. މިހާރު މި ޖާޒީ ވިއްކަނީ އެ ޖާޒީ ގަތް ފަރާތުން.

ސޮތަބީސްގެ މޮޑަން ކަލެކްޓަބަލްސްގެ އިސްވެރިޔާ ބްރާމް ވޮކްޓާ ވިދާޅުވީ، މިއީ ހަމައެކަނި ޖާޒީއެއް ނޫން ކަމަށާއި، މިއީ ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ފުރަތަމަ ކާމިޔާބީގެ ހަނދާން ކަމަށެވެ.

މި ޖާޒީ ވެގެންދާނީ ޕެލޭގެ ހަނދާނީ ތަކެތީގެ ތެރެއިން އެންމެ އަގުބޮޑު އެއްޗަކަށެވެ. އަދި 2022 ވަނަ އަހަރު 9.28 މިލިއަން ޑޮލަރަށް ވިކުނު ޑިއޭގޯ މަރަޑޯނާގެ ”ހޭންޑް އޮފް ގޯޑް“ ޖާޒީގެ ރެކޯޑާ މި ޖާޒީ ވާދަކުރާނެ ކަމަށް ބެލެވެއެވެ. 2016 ވަނަ އަހަރު ޕެލޭގެ 2,000 އަށްވުރެ ގިނަ ތަކެތި ޖުމުލަ 4.2 މިލިއަން ޑޮލަރަށް ވިކުނު އިރު، މި ޖާޒީގެ އަގު ހަ މިލިއަން ޑޮލަރަށް ލަފާކުރެވުމުން، ކުޅިވަރުގެ ހަނދާނީ ތަކެތީގެ މާކެޓް އިންތިހާއަށް ކުރިއަރާފައިވާކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.