އައިޖީއެމްއެޗްގެ އޮޕަރޭޝަން ޑޮކްޓަރުންގެ ބޮޑު ޓީމަކުން ތިނަދޫ ހޮސްޕިޓަލުގައި ކޭމްޕް ކުރަނީއެވެ.
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން، އޮޕަރޭޝަން ކުރާ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކާއެކު ”ސާޖިކަލް އައުޓްރީޗް ކޭމްޕް“ އެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ހިނގާ ޖޫން މަހުގެ 11 އިން 13 އަށް ކުރިއަށްގެންދާ މި ސާޖިކަލް ކޭމްޕުގެ މައިގަނޑު ބޭނުމަކީ، މާލެއަށް ނުގޮސް ރަށާ ކައިރިން ކޮމިއުނިޓީ ލެވެލްގައި ޚާއްޞަ ސާޖަރީތަކާއި އޮޕަރޭޝަން ފަރުވާތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
މި ކޭމްޕުގެ ދަށުން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހިނގާނެ މުހިއްމު ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ:
- އޯ.ޕީ.ޑީގައި ބަލިމީހުން ބަލައި ފަރުވާދިނުން
- ފަސޭހަނުވެ ގިނަދުވަސްވެފައިވާ ފާރުތަކަށް ޚާއްޞަ ފަރުވާދިނުން
- ލެޕްރޮސްކޯޕިކް އޮޕަރޭޝަންތަކާއި އާންމުކޮށް ކަފާލައިގެން ކުރާ އޮޕަރޭޝަންތައް ކުރުން
- ގިނަދުވަސްވެފައިވާ ފަސޭހަނުވާ ތަދުތަކަށް ޚާއްޞަ ފަރުވާދިނުން
- ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ފަންނީ މައުލޫމާތު ދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުން
- ހޮސްޕިޓަލުގެ ޚިދުމަތް ވަޒަންކޮށް އެކަމާ ގުޅޭ ރިޕޯޓެއް ތައްޔާރުކުރުމެވެ.
މި ކޭމްޕުގައި އައިޖީއެމްއެޗްގެ ފަރާތުން ބައިވެރިވަނީ 10 ޑޮކްޓަރުންގެ ޓީމެކެވެ. އެއީ:
- ޑރ. ޢަބްދުﷲ ޢުބައިދު: އާންމު އޮޕަރޭޝަންތަކާއި ލެޕްރޮސްކޯޕިކް އޮޕަރޭޝަންތަކަށް ޚާއްޞަ
- ޑރ. މުޙައްމަދު ޝިފާން: ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ
- ޑރ. މުޙައްމަދު ޝަރީފް ޢަބްދުލް މަޖީދު: އާންމު އޮޕަރޭޝަންތަކަށް ޚާއްޞަ
- ޑރ. މުޙައްމަދު ޥަޙީދު: ޕްލާސްޓިކް އެންޑް ރިކޮންސްޓްރަކްޓިވް އަދި އެޑްވާންސް ވޫންޑްކެއާ (ފާރުތަކަށް ފަރުވާދިނުން) އަށް ޚާއްޞަ
- ޑރ. ޢަލީ ޢާފީ: ނާރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ
- ޑރ. އިބްރާހީމް މިޞްބާޙް: ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ
- ޑރ. ޢާއިޝަތު އަޒްނާ ޢަލީ: ގޮހޮރުގެ ބަލިތަކާއި ބޭރިއޭޓްރިކް (ފަލަބަލި) އޮޕަރޭޝަންތަކަށް ޚާއްޞަ
- ޑރ. އަސަދު ޝަހީދު: ހޭނައްތުމާއި އަދި ނުފިލާ ހުންނަ ތަދުތަކަށް ޚާއްޞަ
- ޑރ. ޢައިމިނަތު ނުޞްރާ: އަންހެނުންގެ ބަލިތަކާއި ވިހެއުމަށް ޚާއްޞަ
- ޑރ. ޖުވައިލަތު ބޭގަމް: އަންހެނުންގެ ބަލިތަކާއި ވިހެއުމަށް ޚާއްޞަ


