ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގުތައް ފުޅާކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއްކަމުގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕެއިންކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ނަޝީދު ވިދާޅުވީ ދަރަނި ދެއްކުމުގައި ރައްޔިތުން ނިކަމެތިވިޔަ ނުދީ، ގައުމުގެ އިގްތިސާދީ ތަނަވަސްކަން އިތުރުކުރުމާއި އާމްދަނީ ލިބޭނެ މަގުތައް އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ޓެކްސް ދައްކާ ފަރާތްތަކުގެ ދާއިރާ ބޮޑުކޮށްގެން ދަރަނި އަދާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ހަގީގަތް ގަބޫލުކުރަންޖެހޭ ކަމަށެވެ.
އެފްރިކާގެ ބައެއް ގައުމުތައް ދަރަނީގެ ދަންތުރައިގައިޖެހި، އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ރާއްޖެ އެފަދަ ހާލަތަކަށް ދިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
”ރާއްޖޭން ދަރަނި ދެއްކޭނީ އަޅުގަނޑުމެން ތަނަވަސްވެގެން، އަޅުގަނޑުމެން ފަގީރުވެގެނެއް ނޫން. އެމްޑީޕީ އަކީ މި މަސައްކަތް ކުރަން އޮތް ޕާޓީ. އަޅުގަނޑަށް އެނގޭ މި ޕާޓީ މެދުވެރިކޮށްގެން މި މަސައްކަތް ކުރެވޭނެކަން،“ ނަޝީދު ވިދާޅުވި އެވެ.


