ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ސޯބެ ކާމިޔާބު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް މެންބަރަކު ހޮވަން މިއަދު ބޭއްވި ބައި-އިލެކްޝަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރައްވައިފި އެވެ.

މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، ސޯބެ މިއަދުގެ އިންތިހާބު ކާމިޔާބު ކުރައްވާފައިވާކަން ކަށަވަރު ކުރެވެ އެވެ. ސޯބެއާ ވާދަކުރެއްވީ ވެރިކަން ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އެވެ.

މިއީ ޕީއެންސީއަށް ވިދިވިދިގެން ލިބުނު ތިން ވަނަ ބައްޔެވެ. މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއެއް ލިބިފަ އެވެ.

ސޯބެ މި އިންތިހާބު ކާމިޔާބު ކުރެއްވުމުން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އަދަދު 12 އިން 13 އަށް އިތުރުވީ އެވެ. އަދި ޕީއެންސީގެ މެންބަރުންގެ އަދަދު 75 އިން 74 އަށް މަދުވާނެ އެވެ.

މި އިންތިހާބުގައި ވޯޓުލުމަށްޓަކައި ޖުމުލަ ހަތް ވޯޓު ފޮށި ބެހެއްޓި އެވެ. އެއީ އައްޑޫ ސިޓީ ހިތަދޫގައި ބެހެއްޓި ފަސް ފޮއްޓާއި މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށްގެން މާލޭގައި ބެހެއްޓި ދެ ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ޖުމުލަ 4،121 މީހުންނަށް ލިބުނެވެ. އިލެކްޝަންސް ކޮމިޝަން އިން ބުނެފައިވާ ގޮތުން މިއަދު ހަވީރު 4:00އާ ހަމައަށް ވޯޓުލުމުގެ ހައްގު އޮތް 62 ޕަސެންޓް މީހުން ވޯޓުލި އެވެ. އެއީ 2،563 މީހުންނެވެ.