ވޯލްޑް
ކަޕް

ނެދަލެންޑްސްއަށް ހާސްކަމެއް، އަނިޔާއާ ގުޅިގެން ޓިމްބާއަށް ވޯލްޑް ކަޕް ގެއްލިއްޖެ 

ނެދަލެންޑްސް ޑިފެންޑަރު ޖޫރިއަން ޓިމްބާ --

އާސެނަލްގެ ނެދަލެންޑްސް ޑިފެންޑަރު ޖޫރިއަން ޓިމްބާއަށް އަނިޔާވުމާ ގުޅިގެން އޭނާއަށް ވޯލްޑް ކަޕް 2026 ގެއްލިއްޖެއެވެ.

މިދިޔަ މާޗު މަހުން ފެށިގެން ގްރޮއިން އަނިޔާގެ މައްސަލަތަކާ ކުރިމަތިލަމުން އައި އުމުރުން 24 އަހަރުގެ ޓިމްބާ، ވޯލްޑް ކަޕަށް ފިޓުވާނެ ކަމުގެ އުންމީދުގައި ނެދަލެންޑްސް ޓީމާއެކު ވޯލްޑް ކަޕްގެ ތައްޔާރީތަކުގައި ވެސް ބައިވެރިވިއެވެ. ނަމަވެސް، މެޑިކަލް ޓީމުގެ ލަފަޔާއެކު، މުބާރާތުގެ މެޗުތަކުގެ ބުރަ އުފުލުމަށް އޭނާ އެކަށީގެންވާ ވަރަށް ރަނގަޅު ނުވާކަމަށް ނިންމައި، އޭނާ ޓީމުން ވަކިކުރަން ނިންމީއެވެ.

ޓިމްބާގެ ބަދަލުގައި ނެދަލެންޑްސްގެ ސްކޮޑަށް ވަނީ ސަންޑަލޭންޑްގެ ޑިފެންޑަރު ލަޓްޝަރެލް ގިއާޓްރޫއިޑާ ހަމަޖައްސައިފައެވެ.

އާސެނަލަށް ކުޅޭ ޓިމްބާ ވަނީ މިދިޔަ މެއި މަހުގެ 30 ގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލްގައި 55 މިނެޓު ކުޅެފައެވެ. އެހެންނަމަވެސް، ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއްގެ ވާދަވެރިކަމަށް އޭނާގެ ހަށިގަނޑު އަދިވެސް ތައްޔާރު ނޫންކަން މެޑިކަލް ޓެސްޓުތަކުން ވަނީ ކަށަވަރުވެފައެވެ.

މިއީ ނެދަލެންޑްސްގެ ކޯޗު ރޮނަލްޑް ކޫމަންއަށް ލިބުނު އުނދަގޫ ކަމެކެވެ. ސަބަބަކީ ޑިފެންސްގެ އެކި މަގާމުތަކުގައި ކުޅުމުގެ ގާބިލުކަން ލިބިފައިވާ ޓިމްބާއަކީ ކޫމަންގެ ޓެކްޓިކްސްގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއަކަށް ވުމެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސް ހިމެނެނީ ސްވިޑެން، ޖަޕާން އަދި ޓިއުނީޝިއާއާއެކު ”ގްރޫޕު އެފް“ ގައެވެ. ނެދަލެންޑްސްގެ ފުރަތަމަ މެޗުގައި މިމަހުގެ 14 ގައި ނުކުންނަން ޖެހޭނީ ޖަޕާނާ ދެކޮޅަށެވެ.