ޑިއުޓީއަށް ހުރި ފުލުހަކު ގެއްލިގެން ހޯދަމުންދަނިކޮށް މޫދު އަޑީގައި ނިޔާވެފައި އޮއްވައި ފެނިއްޖެ

ފުލުހުންގެ ލޯންޗެއްގައި ޑިއުޓީއަށް ހުރި ފުލުހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ފެނިފައިވަނީ މިއަދު ދަންވަރު ވަގުތެއްގައި ”ޕޮލިސް ލޯންޗު 57“ ގައި ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން ފުލުހެއް ކަމަށެވެ.

ފުލުސް މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި ލޯންޗު އަޅާފައި އޮތީ ކޮންތަނެއްގައި ކަމާއި އެ ލޯންޗުގައި ޑިއުޓީގައި ތިބީ ކިތައް ފުލުހުން ކަމެއް އަދި ނިޔާވި ފުލުސް މީހާ މޫދަށް ވެއްޓުނީ ކިހިނެތް ކަމެއްވެސް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ، އޭނާގެ ހަށިގަނޑު މޫދު އަޑިން ނަގައިގެން އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.