އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވުނުކަން އިއުލާނުކުރި ދުވަހު، އީރާނުގެ ފުޓްބޯޅަ ޓީމު، ވޯލްޑް ކަޕް 2026 ގައި ބައިވެރިވުމަށް ފުރަތަމަ ފަހަރަށް އެމެރިކާއަށް އެތެރެވެއްޖެއެވެ.
އީރާނުގެ ޓީމު އެމެރިކާއަށް ގޮސްފައިވަނީ މެކްސިކޯގެ ޓިހުއާނާއިން ކުރި ކުރު ދަތުރަކަށްފަހުއެވެ. ޓީމުގެ ބޭސް ކޭމްޕު ކުރިން ހުރީ މެކްސިކޯގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އީރާނުގެ ކޯޗު އަމީރު ގަލަނޯއީ ބުނީ އީރާނު ފަދަ ފަހުރުވެރި އަދި ވަރުގަދަ ގައުމެއް ތަމްސީލުކުރުމުގެ ފުރުސަތު ލިބުނީމާ ވަރަށް އުފާވާ ކަމަށެވެ. އަދި ފުޓްބޯޅައަކީ އުފާވެރިކަން ގެނެސްދޭ، އަދި ގައުމުތަކާއި ސަގާފަތްތައް ގާތްކޮށްދޭ ކުޅިވަރަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.
ނިއު ޒީލެންޑާ ދެކޮޅަށް އީރާނު ކުޅޭ ގްރޫޕް ޖީގެ މެޗު ކުޅެން ހަމަޖެހިފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު ކުރަމުންދިޔަ ހަނގުރާމައާއެކު އަލަށް އިއުލާނުކުރި ސުލްހައިގެ އެއްބަސްވުމާ ވެސް އެކުގައެވެ.
އީރާނުގެ ޓީމު މިހާރު ކޮންމެ މެޗަކަށް ވެސް މެކްސިކޯއިން އެމެރިކާއަށް ދަތުރުކުރަން ޖެހިފައިވާ އިރު، މި ދަތުރުތަކާއި ފުޓްބޯޅަ ފެޑެރޭޝަނުގެ ބައެއް މެންބަރުންނަށް އެމެރިކާގެ ވިސާ ނުލިބުމުގެ ސަބަބުން ޓީމަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް ކޯޗު ގަލަނޯއީ ފާހަގަކުރިއެވެ.
ހަނގުރާމަ ނިންމުމަށް އެމެރިކާ އާއި އީރާނުން އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމީ ހަފުލާ އަންނަ ހުކުރު ދުވަހު ސްވިޒަލެންޑުގައި ބޭއްވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރައްވައިފައެވެ.
ވޯލްޑް ކަޕް 2026 ގެ ގްރޫޕު ޖީގެ މެޗުގައި ނިއު ޒީލެންޑާ ދެކޮޅަށް އީރާން ނުކުންނާނީ ރާއްޖޭގަޑިން މާދަމާ ހެނދުނު 6:00 ގައެވެ. އީރާނަށް ގިނަ އުނދަގޫތަކެއް ކުރިމަތިވެފައިވާ އިރު، މެޗުގައި އެ ގައުމުގެ ސަޕޯޓަރުން ވެސް ނުފެންނާނެއެވެ.


