ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް އައި“ ގައި ވަރުގަދަ ފްރާންސުން 3-1 ގެ ނަތީޖާއަކުން ސެނެގާލް ބަލިކޮށްފިއެވެ.
ވޯލްޑް ކަޕް 2002 ގައި ސެނެގާލް އަތުން ފްރާންސް ބަލިވި ހަނދާންތައް އާކޮށްދިން މި މެޗުގައި، ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ވަނީ ދެ ގޯލު ޖަހައި ތާރީހީ ރެކޯޑެއް ގާއިމުކޮށްފައެވެ. އޭނާ ވެގެން ގޮސްފައިވަނީ ތާރީހުގައި ފްރާންސަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ.
ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. މެޗުގެ ފުރަތަމަ ހާފުގައި ސެނެގާލުން ފްރާންސްގެ ޑިފެންސަށް ބާރުބޮޑުކޮށް، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ނުހިފުނެވެ.
ދެވަނަ ހާފު ފެށިގެން ފްރާންސުން ކުޅުން ރަނގަޅުކޮށް، މެޗުގެ ކޮންޓްރޯލް ހޯދިއެވެ. މެޗުގެ 66 ވަނަ މިނެޓުގައި އެމްބާޕޭ ފްރާންސަށް ލީޑު ނަގައިދިން އިރު، އޭގެ ފަހުން ބްރެޑްލީ ބާކޯލާ ވަނީ ފްރާންސްގެ ދެވަނަ ގޯލު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ސެނެގާލުން އެއް ލަނޑު ޖަހައި އުއްމީދު އާކުރި ނަމަވެސް، މެޗުގެ ފަހު ވަގުތު އެމްބާޕޭ ވަނީ ދުރުން ފޮނުވާލި ހަމަލާއަކުން އިތުރު ގޯލެއް ޖަހައި ފްރާންސްގެ މޮޅު ޔަގީންކޮށްދީފައެވެ.
ސެނެގާލުން ހިތްވަރާއެކު ކުޅުނު ނަމަވެސް، ފްރާންސްގެ ތަޖުރިބާކާރު ކުޅުންތެރިންގެ ހުނަރާއި ހަލުވިކަމުގެ ކުރިމަތީގައި ސެނެގާލްގެ ޑިފެންސް ވަނީ ފެއިލްވެފައެވެ.


