ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް ޖޭ“ ގައި ޖޯޑަން އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެ، އޮސްޓްރިއާއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ސެން ފްރަންސިސްކޯ ބޭ އޭރިއާގެ ލެވީސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ އޮސްޓްރިއާގެ ފުޓްބޯޅައިގެ ތާރީހުގައި 28 އަހަރަށްފަހު އެނބުރި ވޯލްޑް ކަޕަށް އައި މެޗުކަމުން އެ ޓީމަށް ވަރަށް ހާއްސަ މެޗެކެވެ. އަދި މިއީ ޖޯޑަންގެ ފުރަތަމަ ވޯލްޑް ކަޕެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ރޮމާނޯ ޝްމިޑް ޖެހި ރީތި ގޯލުން އޮސްޓްރިއާއިން ލީޑު ނެގިއެވެ. މިއީ މެޗުގެ ކޮންޓްރޯލް އޮސްޓްރިއާ އަތުގައި އޮތްކަން ހާމަކޮށްދިން ގޯލެކެވެ. އޮސްޓްރިއާއިން ލީޑު ހޯދި ނަމަވެސް، ފުރަތަމަ ހާފުގައި ޖޯޑަނަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ.
މެޗުގެ 50 ވަނަ މިނެޓުގައި ޖޯޑަންގެ ފޯވަޑް އަލީ އޮލްވާން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ޖޯޑަނުން ޖެހި ފުރަތަމަ ގޯލެވެ.
މެޗުގެ ފަހުކޮޅު އޮސްޓްރިއާއިން އިތުރު ދެ ގޯލު ކާމިޔާބުކޮށް މެޗުން މޮޅުވިއެވެ. އޭގެ ތެރެއިން އޮސްޓްރިއާގެ ދެވަނަ ގޯލަކީ ޖޯޑަންގެ ޔަޒާން އަލް އަރަބް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި ދެވަނަ ހާފުގެ އިތުރުވަގުތުގައި އޮސްޓްރިއާއިން ޖެހި ގޯލަކީ ލިބުނު ޕެނަލްޓީއަކުން މާކޯ އާނަޓޮވިޗް ޖެހި ގޯލެކެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި އާޖެންޓީނާ އިން ވަނީ 3-0 ގެ ނަތީޖާއަކުން އަލްޖީރިއާ ބަލިކޮށްފައެވެ. އެ މެޗުގައި އާޖެންޓީނާގެ ތިން ގޯލު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މެސީއެވެ.


