މިދިޔަ ތިން އަހަރު ތެރޭ 70،000 މީހުން ނަފުސާނީ ބަލީގެ ޑޮކްޓަރުންނަށް ދެއްކި

ހެލްތް މިނިސްޓަރު ގީލާ އަލީ ---

މިދިޔަ ތިން އަހަރު ތެރޭގައި 70،000 އަށްވުރެ ގިނަ މީހުން ނަފުސާނީ ބަލީގެ ޑޮކްޓަރުންނަށް ދައްކާފައިވާ ކަމަށް ހެލްތް މިނިސްތަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް 70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ ބަލީގެ ޑޮކްޓަރުންނަށް ދައްކާފައިވާ ކަމަށެވެ. އޭގެ ތެރެއިން 45،000 މީހުން ޑޮކްޓަރަށް ދެއްކީ މާލެ ސަރަހައްދުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގީލާ ވިދާޅުވީ، ހުޅުމާލޭގައި ނަފުސާނީ ފަރުވާއަށް ހާއްސަކޮށްގެން ’މެންޓަލް ހެލްތު‘ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމައި، އެ ހޮސްޕިޓަލް ހަދަން 10،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާ ކަމަށެވެ. އެފަދަ ހޮސްޕިޓަލެއް ގްރޭޓާ މާލޭ ސަރަހައްދުގައި ހަދަން ޖެހެނީ، ގިނަ ރިސޯސްތައް މާލޭ ސަރަހައްދުގައި ހުރުމުންނާއި އެފަދަ ބަލި މީހުންގެ ތަފާތު ޓެސްޓުތައް ހެދުމާއި ދޭންޖެހޭ އެހެނިހެން ފަރުވާތައް ވެސް މި ސަރަހައްދުގައި ހުރުމުން ކަމަށްވެސް ވިދާޅުވި އެވެ.