ވޯލްޑް
ކަޕް

ރޮނާލްޑޯ، މެޗުގެ 90 މިނެޓު ކުޅުވުމަކީ މައްސަލައެއް ނޫން: މާޓިނޭޒް 

ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕް ގްރޫޕް ކޭގެ ފަހު މެޗުގައި ކޮލަމްބިއާއާ ދެކޮޅަށް ގޯލެއް ނުޖެހި އެއްވަރުވި މެޗުގައިވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ފުރިހަމަ 90 މިނެޓު ކުޅުވުމުން އުފެދުނު ފާޑުކިޔުންތަކަށް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ރައްދު ދީފިއެވެ.

މި މުބާރާތުގައި މިހާތަނަށް ކޮންމެ މެޗެއްގެ ކޮންމެ މިނެޓެއް 41 އަހަރުގެ ރޮނާލްޑޯ ވަނީ ކުޅެފައެވެ. ނަމަވެސް އާޖެންޓީނާގެ ލިއޮނެލް މެސީއަށް ގްރޫޕްގެ ފަހު މެޗުގައި ފުރަތަމަ 11 ގައި ހިމަނާފައިނުވާ އިރު، ނޯވޭގެ އާލިން ހާލެންޑަށް ވެސް އަރާމުކުރަން ފުރުސަތު ދީފައިވެއެވެ. ޕޯޗުގަލުން ވެސް ގްރޫޕުގެ ފަހު މެޗަށް ނުކުތް އިރު، ދެވަނަ ބުރުގެ ޖާގައެއް ވަނީ ޔަގީންވެފައެވެ.

ޕޯޗުގަލްގެ މެޗުތަކުގައި ރޮނާލްޑޯގެ ހިއްސާ ކުޑަ ކަމަށާއި ހާއްސަކޮށް ޓީމު ފަހަތަށް ޖެހޭ ވަގުތު ޑިފެންސިވް މަސައްކަތް ރޮނާލްޑޯ ނުކުރާ ކަމަށްބުނެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ނަމަވެސް މާޓިނެޒް ވަނީ އެހެން ކުޅުންތެރިންނާ ރޮނާލްޑޯ އަޅައިކިޔެން ނޯންނާނެ ކަމަށްބުނެ ރައްދުދީފައެވެ.

”އެހެން ކުޅުންތެރިންނާ އަޅައިކިޔައި ނުހެދޭނެ. އެއީ ވަރަށް ކުޑަކުދިން ކަންތައް ކުރާ ގޮތެއް އަދި ވަރަށް ޕްރޮފެޝަނަލް ނޫން ގޮތެއް. ކްރިސްޓިއާނޯއަށް މިއަދުގެ މެޗުގައި 90 މިނެޓު ކުޅުމުގައި އެއްވެސް މައްސަލައެއް ނެތް. ދެން އޮންނަ މެޗުގައި ބަދަލެއް ގެންނަން ޖެހިދާނެ، ކޮންމެ ކުޅުންތެރިއެއްގެ ވެސް ހާލަތަށް ބަލާފައި،“ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕޯޗުގަލް ކޯޗު މާޓިނޭޒް ބުންޏެވެ.

ޕޯޗުގަލުން ވޯލްޑް ކަޕް ކުޅުނު ފުރަތަމަ މެޗުގައި ޑީއާރް ކޮންގޯ އަތުން ގޯލެއް ނުޖެހި އެއްވަރުވި މެޗުގައި ވެސް ރޮނާލްޑޯއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ނަމަވެސް އޭގެ ފަހުން އުޒްބެކިސްތާން އަތުން 5-0 ގެ ނަތީޖާއަކުން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯ ދެ ގޯލު ޖެހިއެވެ.