ވޯލްޑް
ކަޕް

ޔޫރަޕްގެ ނެދަލެންޑްސްއަށް ވެސް ނިމުމެއް، މޮރޮކޯ ގަދަ 16 އަށް 

ޕެނަލްޓީ ޝޫޓްއައުޓްއަށްފަހު މޮރޮކޯ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕް 2026 ގައި ޕެނަލްޓީ ޝޫޓްއައުޓްގައި ނެދަލެންޑްސް ބަލިކޮށް، މޮރޮކޯ އިން ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ގަދަ 32 ގައި ނެދަލެންޑްސް އާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އިތުރު ވަގުތުގައި ވެސް ނަތީޖާ ނުނެރެވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި މޮރޮކޯ އިން ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދީ 3-2 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، ގިނަ ފައުލުތަކެއް ވެސް ފެނިގެންދިޔައެވެ. ދެ ޓީމަށް ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް، ނެދަލެންޑްސްގެ ކީޕަރު ބާޓް ވާބްރުގަން އަދި މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯގެ ހުޝިޔާރުކަން ފެނިގެންދިޔައެވެ. ނީލް އެލް އޭނާއީ އާއި މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީގެ ހަމަލާތަކެއް ނެދަލެންޑްސް ކީޕަރު ވާބްރުގަން ދިފާއުކުރި އިރު، މޮރޮކޯ ކީޕަރު ބޯނޯ ވަނީ މިކީ ވެން ޑެ ވެން ފޮނުވާލި ހަމަލާއެއް ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މޮރޮކޯ އިން ވަރުގަދަ އެޓޭކުތަކެއް ކުރަމުންދިޔަ ނަމަވެސް، މެޗުގެ 72 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ވަނީ ނެދަލެންޑްސްއަށް ލީޑު ހޯދައިދީފައެވެ. އޭނާ އެ ގޯލު ޖެހީ ކައުންޓާ އެޓޭކެއްގައި ކްރިސެންސިއޯ ސަމާވިލް ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

ނެދަލެންޑްސް އިން މެޗުން މޮޅުވާން ދަނިކޮށް، މާޔޫސްކަމެއް ލިބިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި މޮރޮކޯ އިން ނަތީޖާ ހަމަހަމަކުރުމުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މޮރޮކޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ އީސާ ޑިއޯޕް އެވެ.

އިތުރު ވަގުތުގެ ދެ ހާފުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި މޮރޮކޯގެ ކެޕްޓަން ހަކީމީ އާއި އޭނާއީގެ ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް، ސުފިއާން ރަހީމީ އާއި ޝެމްސްދީން ތަލްބީ އަދި ސައިބާރީ ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްދީފައެވެ. ނެދަލެންޑްސްއަށް ނާކާމިޔާބުވީ ޖަސްޓިން ކްލައިވެޓް އާއި ކުއިންޓެން ޓިމްބާ އަދި ސަމާވިލްގެ ޕެނަލްޓީތަކެވެ. އަދި ކާމިޔާބުވި ދެ ޕެނަލްޓީ ފޮނުވާލީ ޓެއުން ކޫޕްމައިނާސް އަދި ވޫޓް ވެގްހޯސްޓްއެވެ.