އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ މެކްސިކޯ ބަލިކޮށް، ދިހަ ކުޅުންތެރިންނާއެކު ވާދަވެރި ކުޅުމަކަށްފަހު އިންގްލެންޑުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ކުޅުނު މި މެޗުގައި މެކްސިކޯގެ މައްޗަށް އިންގްލެންޑުން ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗަށް ނުކުތް އިރު، މެކްސިކޯގެ ހޯމް ސްޓޭޑިއަމް، އަޒްޓެކާ ސްޓޭޑިއަމަކީ އެޓީމަށް ވަރަށް ކާމިޔާބު ސްޓޭޑިއަމެކެވެ. އަޒްޓެކާގައި 2013 ވަނަ އަހަރަށްފަހު ކުޅުނު 26 މެޗުން ވެސް މެކްސިކޯ ބަލިވެފައެއް ނުވެއެވެ. އަދި އަޒްޓެކާ ސްޓޭޑިއަމަކީ ކުއާޓާ ފައިނަލުގައި އާޖެންޓީނާއިން ޑިއޭގޯ މަރަޑޯނާ އަތުން ޖެހި ގޯލާއެކު 1986 ގެ ވޯލްޑް ކަޕުން އިންގްލެންޑް ކަޓުވާލި ސްޓޭޑިއަމެވެ.
މެކްސިކޯއިން އެންމެފަހުން އަޒްޓެކާގައި ބަލިވެފައި ވަނީ 2013 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އޭގެފަހުން ކުޅުނު 26 މެޗުންވެސް މެކްސިކޯ ބަލިވެފައެއް ނުވެއެވެ.
މެޗުގެ ކުރީކޮޅުގައި ދެ ޓީމުން ވެސް ކުޅެމުންދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް އިސްކަންދީގެންނެވެ. ނަމަވެސް މެޗުގައި ގޯލު ޖަހާނެ އެންމެ ފުރަތަމަ ފުރުސަތު ތަނަވަސްކޮށްފައިވަނީ މެކްސިކޯ އިންނެވެ. ރޮބާޓޯ އަލްވަރާޑޯ ނަގައިދިން ހުރަހުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރައުލް ހިމެނޭޒް ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
އިންގްލެންޑުން ވަނީ ދެ މިނެޓުގެ ތެރޭގައި ދެ ގޯލުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި އަދި އޭގެ ދެ މިނެޓު ފަހުން އިންގްލެންޑު ޖެހި ގޯލަކީ ވެސް ޖޫޑް ބެލިންހަމް ކާމިޔާބުކޮށްދިން ދެ ގޯލެވެ. އޭނާ ދެ ގޯލު ވެސް ޖެހީ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ މެކްސިކޯ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މެޗުގެ 42 ވަނަ މިނެޓުގައި މެކްސިކޯ އިން ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މެކްސިކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހޫލިއަން ކިނިއޮނޭސްއެވެ.
ފުރަތަމަ ހާފު ނިމެނިކޮށް ވެސް މެކްސިކޯއަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހިމެނޭޒް ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޕިކްފޯޑް މަތަކުރި އިރު، މެކްސިކޯ ކެޕްޓަން ސެސާ މޮންޓޭޒް ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލުމުގެ ކުރިން ބެލިންހަމް ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ނުވަ މިނެޓުތެރޭ ޖަރެލް ކުއަންސާއަށް ދެއްކި ރަތް ކާޑާއެކު އިންގްލެންޑަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ކުއަންސާއަށް އެ ރަތް ކާޑު ދެއްކީ މެކްސިކޯގެ ހެސުސް ގަޔާޑޯއަށް ކުރި ނުރައްކާތެރި ފައުލާ ގުޅިގެން ވީއޭއާރަށް ބެލުމަށްފަހުއެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ޕެނަލްޓީއަކުން، އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ އިންގެލްނޑުން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެންތަނީ ގޯޑަންއަށް މެކްސިކޯ ކީޕަރު ރައުލް ރަންހެލް ކުރި ފައުލާ ގުޅިގެން އިންގްލެންޑަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ.
އޭގެ ނުވަ މިނެޓު ފަހުން މެކްސިކޯއަށް ލިބުނު ޕެނަލްޓީއަކުން އަލުން ފަރަގު ކުޑަކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މެކްސިކޯގެ ބްރަޔަން ގުޓިއެރޭޒަށް އިންގްލެންޑް ކެޕްޓަން ކުރި ފައުލަކާ ގުޅިގެން، ވީއޭއާރަށް ބެލުމަށްފަހު މެކްސިކޯއަށް ދިން ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒް އެވެ.
ދެވަނަ ހާފުގެ ފަހުކޮޅު އިންގްލެންޑުން ފަސް ޑިފެންޑަރުންނާއެކު މުޅި ޓީމު ފަހަތަށް ޖައްސައިގެން ޑިފެންސް ކުރަމުންދިޔަ އިރު، ނަތީޖާ ހަމަހަމަކުރުމަށް މެކްސިކޯއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ކުއާޓާ ފައިނަލުގައި އިންގްލެންޑް ނުކުންނަން ޖެހޭނީ ނޯވޭއާ ދެކޮޅަށެވެ.


