ވޯލްޑް
ކަޕް

ވޯލްޑް ކަޕުން ކެޓުމާއެކު ނޭމާ، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި 

ނޯވޭއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބްރެޒިލްގެ ނޭމާ -- ފޮޓޯ: ގެޓީ

ނޯވޭ އަތުން 2-1 އިން ބަލިވެ ވޯލްޑް ކަޕުގެ ގަދަ 16 ގެ ބުރުން ބްރެޒިލް ކެޓުމާއެކު، ލޮލުން ކަރުނަ އޮހޮރުވަމުން ނޭމާ އޭނާގެ ގައުމީ ޓީމުގެ ކެރިއަރު ނިންމާލައިފިއެވެ.

އެމެރިކާގެ ނިއު ޖާޒީގައި ހުންނަ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާލިން ހާލަންޑް ޖެހި ދެ ގޯލުން ނޯވޭ ކުރި ހޯދި އިރު، ނޭމާ މެޗުގެ ފަހު ވަގުތު ޕެނަލްޓީއެއް ޖަހައި ބްރެޒިލްގެ ހަމައެކަނި ގޯލު ކާމިޔާބުކުރިއެވެ.

މެޗު ނިމުމާއެކު 34 އަހަރުގެ ނޭމާ ދަނޑު މައްޗަށް ވެއްޓި ރޮމުން ދަނިކޮށް ޓީމުގެ ކުޅުންތެރިން އޭނާ ހިތްވަރުދިނެވެ. ”އަހަރެން މަސައްކަތް ކުރިން. ދެން މިހާރު ނިމުނީ. އަހަރެން ފެށީ މިތަނުން، ނިންމީ ވެސް މިތަނުން،“ ނޭމާ ގްލޯބޯ އަށް ބުންޏެވެ.

ނޭމާ ބްރެޒިލް ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުގެ އޮގަސްޓުގައި ހަމަ އެ ސްޓޭޑިއަމްގައި އެމެރިކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ.

ނޭމާ ގައުމީ ޓީމުގެ ކެރިއަރު ނިންމާލާ އިރު، 80 ގޯލާއެކު ބްރެޒިލްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޭނާ އަތުގައި އޮތެވެ. ޕެލޭއާ ޖެހިގެން ހަތަރު ވޯލްޑް ކަޕެއްގައި ގޯލު ޖެހި ބްރެޒިލްގެ ދެވަނަ ކުޅުންތެރިޔާ އަކީ ވެސް ނޭމާ އެވެ. ކަނާތު ފައިގެ ފަލަމަސްގަނޑުގެ އަނިޔާއެއްގެ ސަބަބުން ނޭމާއަށް މި މުބާރާތުގެ ފަސް މެޗުގެ ތެރެއިން ކުޅެވުނީ އެންމެ ދެ މެޗުގައެވެ.

ބްރެޒިލުން މި ވޯލްޑް ކަޕަށް ނުކުތީ ރެކޯޑު ހަވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރުމުގެ އަމާޒާއެކުއެވެ. މިހާރު ވެސް ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު ގައުމަކީ ބްރެޒިލެވެ.