ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ދިޔާނާ އެ މަގާމަށް އައްޔަންކުރަން ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމުމަށް އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީގުޅުންތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުއްވައިފަ އެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އަދާކުރެއްވި ދިޔާނާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ބަންޑާރަ ނައިބެވެ. އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުގެ މަގާމު އަދާކުރެއްވި އެވެ.
މި ސަރުކާރުގައި މިދިޔަ އޭޕްރިލް މަހު ދިޔާނާ ވަނީ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވައިފަ އެވެ.


