ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
މިދިޔަ މާރިޗު މަހުގެ 15 ވަނަ ދުވަހު ހިންގި މި ވައްކަމުގައި ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު)ގޭގައި ހުރި ދެ ތިޖޫރި ފަޅާލައިގެންނެވެ. އެކަން ކޮށްފައިވަނީ އޭނާގެ އާއިލާ މިދިޔަ ރޯދަ މަހުގެ ފަހު ދިހައެއްގައި އުމްރާގެ އަޅުކަމަށް ދިޔަ ދަނޑިވަޅުގަ އެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ
- ޅ. ނައިފަރު/ ކަސްތޫރިމަގެ، މުހައްމަދު ނޫރު އަހުމަދު (40އ)
- ސ. މީދޫ/ މޫންލައިޓްވިލާ، މުހައްމަދު އަފްރާހު (40އ)
- ރ. މަޑުއްވަރީ/ ދާރުލްއައްވަލް، އިސްމާއީލް އާސިފް (36އ)
- މ. އޭޝިއާ/ އަހުމަދު ފާރިސް (39އ)
- ހދ. ނޮޅިވަރަންފަރު/ ޖަޒީލާމަންޒިލް، ޖަޒީލު މުހައްމަދު (47އ)
ޕީޖީގެ އޮފީހުން ބުނީ، މި މީހުންނަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ 25 ޖޫން 2026 ގައި ކަމަށެވެ.
މި ފަސް މީހުންނަށްވެސް ދައުލަތުން އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.
މި މައްސަލައިގައި ފާރިސް، ޖަޒީލު އަދި ނޫރުގެ މައްޗަށް އިތުރު ދެ ދައުވާއެއް ކޮށްފައިވެ އެވެ. އެއީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.
މި ދެ ދައުވާގެ ތެރެއިން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ އަދަބަކީވެސް 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ގެއްލުނު ހަތަރު މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދުނީ 50،000 ރުފިޔާ އެކަނި ނަމަވެސް ޕީޖީގެ އޮފީހުން ބުނީ، މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.


