ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތައް ހުޅުމާލޭގައި އިންދައިފި އެވެ.
ހިޔާ ޕާކު ސަރަހައްދުގައި އެ ގަސްތައް އިންދާފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާ ގުޅިގެންނެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ، އެ ގަސްތައް އިންދުމުގެ މައިގަނޑު މަގުސަދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުއަށް އެއްބާރުލުން ދިނުމާއެކު، ރާއްޖޭގެ އާދަކާދައިގެ މަތިން ކުރަމުން އަންނަ ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް، ރާއްޖޭގެ ބިމުން އެ ތަކެތި ލިބޭނެ މަގު ފަހިކުރުން ކަމަށެވެ.
އެގޮތުން މިއަދުގެ ހަރަކާތުގައި ދިވެހި ބޭސްވެރިކަމުގައި އާންމުކޮށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ގަސްތައް އިންދާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިންދީ ކޮން ވައްތަރެއްގެ ގަހެއް ކަމެއް އަދި އިންދީ ކިތައް ގަސްކަމެއް މިނިސްޓްރީއަކުން އަދި އެޗްޑީސީއަކުންވެސް ނުބުނެ އެވެ. ނަމަވެސް މިނިސްޓްރީން ސޯޝަލް މީޑިއާއަށް ލާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހިޔާ ޕާކު ސަރަހައްދުގައި އިންދި ބައެއް ގަސްތަކުގެ ތެރޭގައި މަދޮށި، ކާބޮލިއަރޮޅި، ބޮޑުއާވި އަދި ހާޅަލަ ހިމެނެ އެވެ.


