ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބިންގާ އެޅި ސިފައިންގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)ގެ އާ އިމާރާތް މިއަދު ހުޅުވައިފި އެވެ.
23 ޖޫން 2022 ގައި ބިންގާ އެޅި މި އިމާރާތަކީ ޖަޕާނު ސަރުކާރުގެ އެހީގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ހެދި އިމާރާތެކެވެ. އިމާރާތަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ގާއިމުކުރުމަށް އޮސްޓްރޭލިއާ ސަރުކާރުންވެސް އެހީތެރިވި އެވެ.
ވިލިމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާ އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހުރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އެމްއާރުސީސީގެ އާ އިމާރާތުގައި ކަނޑާއި ވައިގެމަގުން ހިނގާ ހާދިސާތައް ވިލަރެސްކުރުމަށް ޒަމާނީ އޮޕަރޭޝަންސް ރޫމަކާއި ތަމްރީނުތައް ހިންގުމަށް ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ވަނީ ހަދައިފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހާއްސަ ދުއާއެއްވެސް ކުރި އެވެ. އަދި އެމްއާރްސީސީގެ އާ އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެ ސެންޓަރުގެ އާ އިމާރާތް ހުންނަ ސަރަހައްދުގައި ގަހެއްވެސް އިންދަވައި ދެއްވައިފަ އެވެ.
އެމްއާރުސީސީއަކީ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކުރާ މަސައްކަތްތައް ވިލަރެސްކުރުމަށް އުފައްދާފައިވާ މައި މަރުކަޒެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އެމްއާރުސީސީގެ ހިދުމަތް ފެށީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީއެމްޑީއެސްއެސް)ގެ ނަމުގައެވެ. ވިލިމާލޭގައި ޖީއެމްޑީއެސްއެސްގެ އޮޕަރޭޝަން ސެންޓަރެއް ހުޅުވީ 2006 ޖަނަވަރީ މަހުއެވެ.
ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، އެއް ފުރާޅެއްގެ ދަށުން ހުރިހާ ކަމެއް ވިލަރެސް ކުރުމުގެ ބޭނުމުގައި 27 ޖުލައި 2012 ގައި، އެ މަރުކަޒުގެ ނަން ”މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު“ ގެ ނަމަށް ބަދަލުކުރި އެވެ.


