އިޒްރޭލުން ފަލަސްތީނުގެ ހަތް މީހަކު ޝަހީދުކޮށްލައި, ބޭސް ރައްކާކޮށްފައި ހުރި ގުދަނަކަށް ބޮން އަޅައިފި

ޣައްޒާގެ އެކި ސަރަހައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީންގެ ހަތް މީހަކު ޝަހީދުކޮށްލައިފި އެވެ.

އިޒްރޭލުން އިއްޔެ މި ހަމަލާތައް ދީފައި މިވަނީ ހަމާސް އާއި ފަލަސްތީނުގެ އެހެނިހެން ޖަމާއަތްތަކުން ހަތިޔާރު ބެހެއްޓުމުގެ އެއްބަސްވުމެއްގައި ސޮއިކުރިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ.

ނަމަވެސް 10 އޮކްޓޫބަރު 2025 އިން ފެށިގެން އަމަލީ ގޮތުން ހިނގަމުންދާ ”ސުލްހައިގެ އެއްބަސްވުމާ“ އިޒްރޭލުން ތަކުރާރުކޮށް ހިލާފުވަމުން އަންނައިރު, އެ ތާރީހުން ފެށިގެން މިހާތަނަށް 1,200 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

އަލްޝިފާ ހޮސްޕިޓަލާ ހަވާލާދީ ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޣައްޒާ ސިޓީގެ ޝެއިޚް ރަޟްވާން އަވަށަށް އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި ދެ މީހަކު ޝަހީދުކޮށްލި އެވެ.

ދައިރުލް ބަލަހްއަށް ދިން ޑްރޯން ހަމަލާއެއްގައި އެކަކު އަދި ޚާން ޔޫނިސްގެ އުތުރުން އަލްމަވާސީގައި ހުރި ސްކޫލެއްގެ ކައިރީގައި ހުރި ފޭލިގެއަކަށް ދިން ހަމަލާއެއްގައި އެކަކު ޝަހީދުކޮށްލި އިރު, ޣައްޒާގެ އަލްރައިސްގައި ހުރި ގެއެއްގެ ފުރާޅަށް އަމާޒުކޮށް އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި އިތުރު ދެ މީހަކު ޝަހީދުކޮށްލި އެވެ.

އޭގެ ފަހުން، އަލްޘަލާޘީނީ މަގަށް ދިން ވައިގެ ހަމަލާއެއްގައި އެކަކު ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ކުއްލި ހާލަތްތަކާ ބެހޭ އިދާރާތަކުން ބުނެ އެވެ.

މީގެ އިތުރުން އިޒްރޭލުން އިއްޔެ ވަނީ ދައިރުލް ބަލަހްގައި ހުންނަ އަލްއަޤްސާ މާޓިއާސް ހޮސްޕިޓަލާ އިންވެގެން ހުރި ބޭސް ގުދަންތަކަށް ބޮން އަޅައިފަ އެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުނީރު އަލްބުރުޝް އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި އެ ހަމަލާގައި ބޭސް ރައްކާކޮށްފައި ހުރި ހަތަރު ގުދަނުގެ ތެރެއިން ދެ ގުދަން އެއްކޮށް ސުންނާފަތިވެފައިވާއިރު އަނެއް ދެ ގުނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ހޮސްޕިޓަލްތަކުގެ ތަރުޖަމާނު ހަލީލް އަލްދަޤްރާން އަނަޑޯލޫ ނިއުސް އެޖެންސީއަށް ވިދާޅުވީ، މި ހަމަލާގައި އައިވީ ފްލުއިޑްތަކާއި ބޭހާއި ޑަޔަލަސިސް އަދި އައިސީޔޫގައި ބޭނުންކުރާ ސާމާނުތައް ނެތިގޮސްފައިވާ ކަމަށެވެ.

ނަމަވެސް އިޒްރޭލު ސިފައިން ބުނާ ގޮތުގައި، އެ ހަމަލާތައް އަމާޒުކޮށްފައިވަނީ ހަމާސްގެ ފަސް ހަތިޔާރު ގުދަނަކަށް ކަމަށެވެ. އޭގެ ތެރެއިން އެއް ގުދަން ހުރީ އަލްއަގްސާ ހޮސްޕިޓަލް ކައިރީގައި ކަމަށް އެ މީހުން ބުނެ އެވެ.

ހެލްތް މިނިސްޓްރީން ހާމަކުރި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަމަލީގޮތުން ފެށުނު ފަހުން ޝަހީދުވި މީހުންގެ އަދަދު ވަނީ 1,222 އަށް އަރައިފަ އެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 73,349 އަށް އަރައިފަ އެވެ.