ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ދިޔަވެ، އަޑިއަށް ދިޔަ ހާދިސާގައި މީހުން ސަލާމަތްކުރުމުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހެއް އަދި އެ ދޯނީގެ ކައްޕި ގެއްލިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، ކަނޑުގަދަވެ، ރާޅު އެރުމުގެ ސަބަބުން ”ފްރެންޑް 4“ ނަމަކަށް ކިޔާ އެ ދޯނި ދިޔަވެ އަޑިއަށްދާކަމުގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބުނީ ރޭ 10:37 ހާއިރު ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު، އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ފެށި ކަމަށާއި ނަމަވެސް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، އެ ހާދިސާ ހިނގި އިރު، ދޯނީގައި ޖުމުލަ އަށް މީހުން ތިބި އިރު، އޭގެ ތެރެއިން ހަތް މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.


