އިގުތިސާދީ ގޮތުން ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރައްވައި ތަރައްގީގެ މަގަށް މިސްރާބު ޖެއްސެވިކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
އއ. އުކުޅަހުގައި ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދައުލަތް އޮތީ މާލީ ގޮތުން ފުނޑުފުނޑުވެފައި ކަމަށާއި އޭރު އެކަން ކުރި މީހުން ތިބީ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެ ބަނގުރޫވާނެ ކަމަށް އުއްމީދުކޮށްގެން ކަމަށެވެ.
ނަމަވެސް، ކުރީގެ ސަރުކާރުތަކުން ވާރުތަވި އިންތިހާ ބޮޑު ދަރަނި އަދާކުރައްވަމުން، އުމްރާނީ ތަރައްގީގެ މަސައްކަތްތައް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދަވާތީ އެކަމަށްޓަކައި ރައީސަށް ސެލިއުޓް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
”ތިން އަހަރަށް ދާން ދިޔައިރު ބަނގުރޫޓެއް ނުވޭ، މުސާރަ ބަރާބަރަށް ދެވޭ. ކާޑުގެ ބާވަތްތައް ބަރާބަރަށް ލިބޭ. ތެޔޮ ބަރާބަރަށް ލިބޭ. އަސާސީ ހުރިހާ ހިދުމަތްތައް ބަރާބަރަށް ލިބޭ. ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ހިނގަމުން އެބަދޭ. ދަރަނި އެބަ ދައްކާ. ލޯނެއް ނުނަގާ، ފައިސާ ޗާޕެއް ނުކުރޭ. އެހެންވީމަ ސެލިއުޓްކުރަން ޖެހެނީ ރައީސް މުއިއްޒަށް،“ އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ ކާމިޔާބީތަކަށް ރިއާޔަތްކޮށް، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް ޕީއެންސީގެ މެންބަރުން އަތުކުރި އޮޅާލަންޖެހޭ ކަމަށެވެ.


