ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ތިންވަނަ ކުންފުންޏަކަށް ފެނަކަ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ---

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަންޖެހޭ އެންމެހާ މައުލޫމާތުތައް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އާންމުކޮށްފި އެވެ.

މިއީ ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުގެ ތެރެއިން މި މައުލޫމާތު ހާމަކުރި ތިންވަނަ ކުންފުންޏެވެ.

ފެނަކަ އިން ބުނީ، މި ލަނޑުދަނޑި ހާސިލުކުރުމަކީ ކުންފުނީގެ ހިންގުން ހަރުދަނާވެ، ނަޒާހަތްތެރިކަން އިތުރުވެ، ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ ފެނަކައިގެ އާ މެނޭޖުމަންޓުން ކުންފުނީގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަމުންދާ އިހުލާސްތެރި މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ބުންޏެވެ.

އާރުޓީއައި ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ އިސްނެގުމުގެ މަތިން 13 ބާވަތެއްގެ މައުލޫމާތު ހާމަކުރަންޖެހެ އެވެ. އޭގެ ތެރޭގައި، އެ އިދާރާއެއްގެ މަސްއޫލިއްޔަތުތަކާއި އޮނިގަނޑާއި ވާޖިބު އަދި އެ އިދާރާއެއްގެ އަހަރީ ބަޖެޓާއި ކުރަން ރާވާފައިވާ ހަރަދުތަކާއި އެ އިދާރާއެއްގެ މުވައްޒަފުންނަށް ވަކިވަކިންދޭ އުޖޫރައިގެ އިތުރުން އެ އިދާރާއެއްގެ ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާ ނުވަތަ ޒިންމާކުރުން ރޭވިފައި އޮންނަ ގޮތްތައް ހިމެނެ އެވެ.

މިއީ ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު އާންމުކުރަންޖެހޭ މައުލޫމާތުތަކެކެވެ.