”ރައްޔިތުންގެ އަޑު“ސިލްސިލާގެ އިތުރު ބައްދަލުވުމަކަށް ނަންނޯޓްކުރަން ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި ”ރައްޔިތުންގެ އަޑު“ ގެ ނަމުގައި ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ އިތުރު ބައްދަލުވުމަކަށް ނަންނޯޓް ކުރަން މިއަދު ހުޅުވާލައިފިއެވެ.

ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ސިލްސިލާ ބައްދަލުންތަކުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނަށެވެ.

މި ސިލްސިލާ ބައްދަލުންތަކުގެ ދެވަނަ ބައްދަލުން ބުރާސްފަތި ދުވަހު ހުޅުވާލާފައިވާއިރު މި ބުރުގައި ފުރުސަތު ހުޅުވާލައްވާފައި ވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންނަށެވެ.

އަދި މި ސިލްސިލާގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ފުރުޞަތު ހުޅުވާލައްވާފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވުމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އަންނަ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރަން ވަނީ މުއްދަތު ދީފަ އެވެ.

ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މިހާރަށްވުރެވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފަށްޓަވާނޭކަން އިޢުލާންކުރައްވާފައެވެ.