މުސްލިމުން އަމަލުކުރާންޖެހޭ ހުރިހާ ކަމެއް މާތް ﷲ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ކަމަށާއި އެހެންކަމުން އޭގެ ބޭރުން އެހެން އެއްޗަކަށް ބަލާކަށް ނުޖެހޭ ކަމަށް ދެކޭ މީހުން އުޅޭ ކަމަށާއި އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ސުންނަތް: އިސްލާމީ ޝަރީއަތުގެ ދެވަނަ މަސްދަރު“ މި މައުޞޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, އިންސާނުން ދުނިޔޭގައި އުޅުމަށް މާތް ﷲ ޚިޔާރުކުރައްވައިފައިވާ ދީނަކީ އިސްލާމްދީން ކަމަށްވާއިރު އިސްލާމީ ޝަރީއަތުގެ އަސާސް ކަމުގައިވާ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި އަހަރެމެންނަށް ކާމިޔާބު ލިބުމެއް ނުވާ ކަމަށެވެ.
ކީރިތި ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވީ އަހަރެމެންނަށް ސީދާމަގަށް މަގު ދެއްކެވުމަށްކަން ފާހަގަކޮށް ހުތުބާގައި ބުނީ, ދިރިއުޅުމުގެ ހުރިހައި ކަމެއްގައި އެކަލޭގެފާނަށް ތަބާވެ، އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަތުމަކީ އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށެވެ. މީގެ އިތުރަށް އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ވަޙީގެ ތެރެއިން ބައެއްކަން ވެސް ކީރިތި ﷲ އަންގަވާފައިވާ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, ސުންނަތޭ ބުނުމުން އެއީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށާއި ޝަރުއީ ކަމެއް ސުންނަތުން ސާބިތު ވިއަސް ޤުރްއާނުގައި އޭގެ ހުކުމް އައިސްފައިނުވާ ނަމަ، އެއީ ކުރުމުން ސަވާބު ލިބޭ އަދި ނުކޮށް ދޫކޮށްލިއަސް އަޒާބު ނުލިބޭ ކަމެއްކަމުގައި މި ފަދަ މީހުން ދެކޭ ކަމަށެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގެ ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫއަނުވެ، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން އަމަލުކުރުމީ މުސްތަހީލު ކަމެއް ކަމަށް ބުންޏެވެ.
މިސާލަކަށް، ނަމާދަކީ ދީނުގެ ތަނބު އަދި ޝަހާދަތުގެ ދެކަލިމައަށް ފަހު ދީނުގެ އެންމެ މުހިންމު ރުކުނަކީ ނަމާދު ކަމަށްވާއިރު މި ރުކުން މުއުމިނުންގެ މައްޗަށް ފަރުޟުވެއްޖެކަން ޤުރްއާނުން އެނގޭން އޮތް ނަމަވެސް ނަމާދު އަދާކުރާންވީ ގޮތެއް ކީރިތި ޤުރްއާނުގައި އައިސްފައި ނުވާ ކަމަށް ހުތުބާގައި ބުންޏެވެ. އެކަންކަން އެނގެނީ ރަސޫލާގެ ސުންނަތުން ކަމަށާއި ހަމައެފަދައިން ޙައްޖުގެ އަޅުކަން އަދާކުރާންވީ ގޮތް އެކަލޭގެފާނު ވަނީ ދަސްކޮށްދެއްވައިފާ ކަމަށް ހުތުބާގައި ބުންޏެވެ.
ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުންކަން ފާހަގަކޮށް ހުތުބާގައި ބުނީ އެ ދެކަލިމަ ވަކިނުކުރެވޭނޭ ފަދައިން ގުރުއާނާއި ސުންނަތް ވެސް ވަތްކެއް ނުކުރެވޭނެ ކަމަށެވެ. އަދި ކީރިތި ރަސޫލާގެ ސުންނަތަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެއް ކަމަށާއި އެ ދީން ކީރިތި ﷲ ވަނީ ޤިޔާމަތަށްދާންދެން ރައްކާތެރިކުރައްވާނޭ ކަމަށް ވައުދުވެވޮޑިގެންފައި ކަމަށްވެސް ބުންޏެވެ.


