ރައީސް ގޮވާލެއްވީ ގައުމަށް ނިކަމެތިކަން ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށްވުމަށް

14 އޮގަސްޓް 2026, ގައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން ---

ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ގައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ދިވެހިން ވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ގައުމީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަ އެކަންވެފައި އޮތީ ދިވެހި ގައުމަށް ހެޔޮ ނޭދޭ އަމިއްލަ އެދުން ބޮޑު ބައެއްގެ ހިޔާނާތުގެ ސަބަބުންކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. މިއަދު ގަދައަޅަައި އަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިޔާދަވިޔަ ނުދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ މެސެޖުގައި ވަނީ އެންމެ ފުރަތަމަ ގައުމު އިސްކުރުމުގެ ޝިއާރު ނަގަހައްޓައި، މި ގައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫހު ހިފެހެއްޓުމަށް ގޮވާލަމުންނެވެ

ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްތާނުލް ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހު އެވެ.