އެ ބިމެއްގައި މާތް الله ނުރުއްސަވާ ކަންތައް ގިނަވެ، މުންކަރާތްތަކާއި ފާހިޝު ކަންތައްތައް އާންމު ވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެ ކަމަށާއި އެހެންކަމުން އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެ މުޖުތަމަޢެއްގެ އެންމެހައި ފަރުދުންނާއި ޖަމާޢަތްތަކުގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”މުޖުތަމައު އިސްލާހުކުރުން، އެންމެންގެ ޒިންމާ“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ދިވެހިންނަކީ ޒަމާނުއްސުރެން މާތް اللهގެ ދީން ގަބޫލުކޮށް، އެކަލާނގެއަށް އީމާންވެގެން ތިބި ބައެއް ކަމަށާއި އަހަރެމެން އުޅެމުން އައީ ވަރަށް އަމާންކަމާއި ސުލްހަވެރިކަމާއި އަހުވަންތަކަމާއެކުގައި ކަމަށެވެ.
ނަމަވެސް ފަހުގެ ތާރީހުގައި އަހަރެމެންގެ މުޖުތަމައަށް އިޖުތިމާއީ ގޮތުންނާއި އަހުލާގީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ އެ އާ މެދު ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނައި ފިކުރު ކުރާންޖެހިފައިވާ ކަމެއް ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް އުރެދި އެ ބައިމީހުންނަށް ނުކިޔަމަންތެރިވެ, އެ މީހުން މުސްކުޅިވާ ދުވަހު އެ މީހުންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދިނުން ކަމަށެވެ. ނަމަވެސް މައިންބަފައިންނަށް އިހުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަސިއްޔަތެއް ކަމަށާއި ކީރިތި ގުރުއާނުގައި އެތައް މަގާމެއްގައި މައިންބަފައިންނަށް އިހުސާންތެރިވުމަށް އަމުރުކުރައްވާފައިވާ ކަމަށެވެ.
ހުތުބާގައި ބުނީ, މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ އުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް ކަމަށާއި އެއީ ބާއްޖަވެރިކަމުގެ ތަނޅުދަނޑިއެއްގެ އިތުރުން ސުވަރުގެއަށް ވަނުމުގެ ދޮރެއް ކަމަށެވެ. އަދި މައިންބަފައިންގެ ހެޔޮ ދުއާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެއް ކަމަށާއި މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުސީބާތަކުން މާތް الله އެ މީހަކު ސަލާމަތް ކުރައްވާ ކަމަށްވެސް ބުންޏެވެ.
މައިންބަފައިންނަށް ނިކަމެތިކޮށްހިތައި، އެ މީހުން ހިތުގައި ޖައްސައި، ނުވަތަ އަޅައިނުލައި، ދޫކޮށްލައިފައިވަނީ ކިތައް މީހުންތޯ ސުވާލު އުފައްދައި ހުތުބާގައި ވަނީ ތިބާ ކުޑަކުޑައިރު، ނިދިނަގައިލައި، ތިބާގެ އުފަލާއި ހިތްހަމަޖެހުމަށް ޓަކައި މަސައްކަތްކޮށް، ތިބާއަށް އުފާވެރިކަން ހޯދައިދިން ލޮބުވެތި މަންމައާއި ބައްޕައަށް އެހީތެރިވުމަށް ގޮވާލައިފަ އެވެ. އަދި މިއަދު އެ ދެ މީހުން ވަނީ މުސްކުޅިވެ ގައި ބާރު ދެރަވެ, ތިބާގެ އޯގާތެރިކަމާއި އެހީތެރިކަމަށް ބޭނުންވެފައި ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރޭގައި މިސްކިތުގެ ހުރުމަތް ކަނޑައިލުން ހިމެނޭ ކަމަށާއި އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ކަންކަން ހުންނަގޮތަކީ، ނަމާދުކޮށްގެން ފައިބައި މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ، ޣީބަބުނުމާއި ނެތިމޮށުމާއި މީސްތަކުންނަށް ޢައިބުކިއުމާއި ޖަދަލުކުރުމާއި ހަޑިހުތުރު އެއްޗެހިގޮވުމާއި ޒުވާބުކުރުމާއި މީސްތަކުންގެ އަބުރާބެހުމާއި ދޮގުވާހަކަތައް ފެތުރުންފަދަ ކަންކަން ކުރުން ކަމަށެވެ.
މިފަދަ މީހުން, ނަމާދުކުރުމުން ލިބުނު މަތިވެރި ސަވާބާއި ދަރުމައިން ލިބުނު މާތްކަން، އަމިއްލައަށް ނަގައިލައި، އެނބުރި ގެއަށްދާއިރު, ނަމާދުން ފައިބައިގެން، މުސްލިމު އަޚުންނާ ސަލާމްކުރުމަށްފަހު މަޑުމައިތިރިކަމާ އެކީ ގެއަށް އެނބުރި ދާމީހާގެ މާތްކަން ބޮޑު ކަމަށް ހުތުބާގައި ބުންޏެވެ.
ވިޔަފާރީގައި ތެދުވެރިވުމަކީ އަޅުކަމެއް ކަމަށާއި މާތް الله އޭގެ ދަރުމަ ބޮޑުކުރައްވާފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, ވިޔަފާރީގައި މަކަރުހެދުމަކީ މާތް الله ލައުނަތް ލައްވައިފައިވާ އެކަމުގެ އަޒާބު ބޮޑު ކަމެއް ކަމަށެވެ. އަދި ވިޔަފާރީގައި މަކަރާއި ޙީލަތްހަދައި، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ބޭނުންކޮށް، ޒަކާތް ނުދައްކައި، މުދާ ޚަޒާނާކޮށް، މުންކަރާތްތަކާއި، ބޭކާރުގޮތުގައި މުދާ އިސްރާފުކުރުމުން ނިކުންނަ ނަތީޖާއަކީ، އޭގައި މާތް الله ބަރަކާތްނުލެއްވުން ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, އިޖުތިމާއީ ގޮތުންނާއި، އަހުލާގީ ގޮތުން މުޖުތަމައުތައް ފަސާދަވަނީ މާތް الله ދެއްވި މަތިވެރި ނިއުމަތްތައް ހަނދާންނައްތައިލުމުން ކަމަށާއި ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، މާތް اللهއަށް އުރެދި ގާފިލުވުމުން ކަމަށެވެ.


