ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު 44 ޕަސެންޓް އިތުރުވެ, 17 މިލިއަނަށް އަރައިފި

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 44.2 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.

ޒަކާތު ހައުސް އިން މިއަދު ބުނީ, މިދިޔަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 12 މިލިއަން ރުފިޔާ ޒަކާތު ފަންޑަށް ލިބިފައިވާއިރު, މި އަހަރުގެ ޖުލައި މަހު އެ އަދަދު 17 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށްވެސް ބުންޏެވެ.

ޒަކާތު ހައުސް އިން ބުނީ, މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެފައިވާއިރު, މި މަހުގެ ތެރޭގައި ޒަކާތު ފަންޑުން 2.80 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ޒަކާތު ހައުސް އިން އެންމެ ފަހުން 20 އޮގަސްޓް 2026 ގައި އިއުލާން ކުރި ގޮތުން ނަމަ މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 19,266.10 ރުފިޔާ އެވެ.

މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ ދަށް މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ, ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ. ރާއްޖޭގައި ނިސާބު ކަނޑައަޅަނީ ރިހީގެ ނިސާބުންނެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރިހީގެ އަގުން ފައިސާ އަގުކުރުމަކީ ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ.