40% މާރުކުރިޔަސް ރިސޯޓްތަކަށް ދައްޗެއް ނުވާނެ, މުސާރަ ޑޮލަރުން ދެވޭނެ: ރައީސް

15 އޮގަސްޓް 2026, ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ---

ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކިން ނިޒާމުތަކަށް މާރުކުރި ނަމަވެސް, ރިސޯޓުތައް ގެއްލުން ނުވާނެކަން ހިސާބުތަކުން އެނގޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބޭރު ފައިސާއާބެހޭ ގާނޫނުގައި ކުރިން އޮތް ގޮތުން ރިސޯޓުތަކުން ބޭންކަށް ޑޮލަރު މާރުކުރުމަށް ދެ އިހުތިޔާރެއް ލިބެ އެވެ. އެއީ ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު މާރުކުރުން ނުވަތަ އާމްދަނީގެ 20 ޕަސެންޓް މާރުކުރުމެވެ.

ނަމަވެސް އެ ގާނޫނަށް ގެނައި އިސްލާހާއެކު ރިސޯޓުތަކަށް ބެރު ފައިސާއިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭނެ އެވެ. ގެސްޓްހައުސްގެ ވިޔަފާރިކުރާ ފަރާތްތަކުން ބޭރު ފައިސާ މާރުކުރަން ޖެހޭނީ ހަމަ ކުރިންވެސް އެ ގާނޫނުގައި އޮތް ގޮތަށް ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ ޖުމުލަ އާމްދަނީގެ 20 ޕަސެންޓެވެ.

އެ ގާނޫނު ތަސްދީގު ކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ, ޓޫރިޒަމްގެ ސިނާއަތުން މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް އޭގެ ތެރެއިން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަދެފައިވާ ކަމަށް އަންދާޒާކުރެވެނީ 3.8 ބިލިއަން ޑޮލަރު ކަމަށެވެ. އެ 3.8 ބިލިއަން ޑޮލަރުގެ ތެރެއިން ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަނީ އެންމެ 21 ޕަސެންޓް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ޑޮލަރު މާރުކުރަންޖެހޭ އަދަދު 40 ޕަސެންޓަށް ބޮޑުކުރުމުން ބައެއް ރިސޯޓު ވިޔަފާރިވެރިން ފާޅުކުރާ ކަންބޮޑުވުމަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ, ސަރުކާރުގެ އެ ނިންމުމަކީ ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.

”އަޅުގަނޑު ވަރަށް އަދަބުވެރިކަމާ އެކު ދަންނަވާލަން، ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެކަން އަޅުގަނޑުމެންނަށް ޔަގީންކަމާ އެކީގައި އެނގޭ. ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް ނުވަތަ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނޫނިއްޔާ އޮޕަރޭޝަނަލް އެކްސްޕެންސްތަކަށް އެއްވެސް ދައްޗެއް ނުވާނެ 40 ޕަސެންޓު މާރުކޮށްގެން. އެއީ ޔަގީން ކަމެއް.“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, ރިސޯޓުތަކަށް, އެ ތަންތަނުގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދީފައި, ލޯނުތައް ދައްކާފައި އަދި ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށްފަހުގައި ވެސް 40 ޕަސެންޓް މާރުކުރުމަކީ ވަރަށް ފަސޭހަކަމެއް ކަމަށެވެ. އެހެންވެ, ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން ދެމުން އަންނަ މުސާރަ ހުއްޓާލައިގެން ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

”ޑޮލަރުން މުސާރަ ލިބޭ އެއްވެސް ފަރާތެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ. ގެންނަންޖެހޭ ސަބަބެއްވެސް ނެތް. އެ ފަރާތްތަކަށް ލިބޭ މުސާރަ ދެމުން ދާންވާނީ,“ ރައީސް ވިދާޅުވި އެވެ.