ރާއްޖޭގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކަމުންދާ މައްސަލަތަކާ ގުޅިގެން ހަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މީހުން ހައްޔަރުކުރީ ރާއްޖޭގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދާ ދެނެގަނެ، އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި ދައުލަތުގެ ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސް އިން ކަމަށެވެ.
އެފަދަ މައްސަލަތަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާގެ ދެ މީހެކެވެ. އެ އެންމެންގެ ވަނަވަރާއެކު ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ، މިހާތަނަށް ތަހުގީގުން އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ބިދެސީންގެ އެކައުންޓްތަކުގައި ޖުމުލަ 54،429،550ރ. (54 މިލިއަން ދިވެހި ރުފިޔާ) އާއި 1،627،810 (1.6 މިލިއަން ޑޮލަރު) ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭގެ އިތުރުން ހައްޔަރުކުރި ބިދޭސީންނަކީ އެ މީހުންނަށް ހުއްދަދީފައިވާ މަސައްކަތްކުރުމުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކެއް ކަމަށްވެސް ފުލުހުން ބުންޏެވެ.


