ގާނޫނާ ހިލާފަށް ބޭރު ފައިސާ ވިއްކުން: ނައިޑް އިންވެސްޓްމަންޓުގެ ބޭންކް އެކައުންޓުތައް ފްރީޒްކޮށްފި

ނައިޑް ކުންފުނިން ތަރައްގީކުރާ ފުރަވެރި އައިލެންޑް ---

ރާއްޖޭގައި ރިސޯޓެއް ހިންގާ، ނައިޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ބޭރު ފައިސާގެ ވިޔަފާރި ހިންގަން ބޭނުންކުރާ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އެ ކުންފުނީގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އަދި އެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކުރުމަށްފަހު ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށްޓަކައި މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށްދާ  ކަމަށްވެސް ބުންޏެވެ.

ރ. އަތޮޅުގައ ހިންގާ ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ، ފުރަވެރި އައިލެންޑް ހިންގަނީ ނައިޑް އިންވެސްޓްމަންޓުންނެވެ. އެ ކުންފުނިން ވަނީ މި ސަރުކާރުން 2021 ވަނަ އަހަރު ބީލަމަށް ހުޅުވާލި 18 ރަށުގެ ތެރެއިން ރަށެއް ތަރައްގީކުރަން ބިޑު ކާމިޔާބުކޮށްފަ އެވެ. އެ ކުންފުނިން ބިޑް ކުރީ ފ. އެނބުލުފުއްޓެވެ. އެ ރަށުގެ ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 3.6 މިލިއަން ޑޮލަރު ދެއްކި އެވެ. އަދި ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000 ޑޮލަރު ދެއްކި އެވެ.