އެމެރިކާއަކީ ސައިތާނެއް ކަމަށް އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާޤިރު ގާލިބާފް ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، އީރާނުގެ ދެކުނުގައި އޮންނަ ސިރީކްގައި ބޭއްވި ކައިވެނި ޕާޓީއަކަށް އަމާޒުކޮށް އެމެރިކާ އިން ދިން ހަމަލާއެއްގައި ދެ ކުޑަކުދިން ހިމެނޭހެން ހަތަރު މީހުން މަރާލި ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
”ބާރަކުން އަމަލުކުރަނީ ޝައިތާނެއް ފަދައިން ކަމަށްވާނަމަ، އަމާޒުތައް ކަނޑައަޅަނީ ޝައިތާނެއް ފަދައިން ކަމަށްވާނަމަ، އަދި މީހުން މަރަނީ ޝައިތާނެއް ފަދައިން ކަމަށްވާނަމަ، އެއީ ހަމަ ޝައިތާނާ“ ބާގިރު ވިދާޅުވި އެވެ.
ބާގިރަކީ އީރާނުގެ ސިޔާސީ ބޭފުޅެއްގެ އިތުރުން އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލެކެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވެސް ވަނީ އިއްޔެގެ ހަމަލާ ކުށްވެރިކުރައްވައި، އެ ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.


