އިންޑިއާގެ ކެރެލާއިން ރާއްޖެއަށް 600 އަނބު ގަހާއި 600 ހައިވަކަރު ގަސް ހަދިޔާކޮށްފި

ކެރެލާއިން ރާއްޖެއަށް ހަދިޔާކުރާ ގަސްތައް ކެރެލާގެ ފޮރެސްޓް މިނިސްޓަރު ޝިބޫ ބޭބީ ޖޯން، ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލް ޖެނެރަލް އާމިނަތު ޝިފާނާއާ ހަވާލުކޮށްދެއްވެނީ.-- ފޮޓޯ: ޓްރިވެންޑްރަމް ކޮންސިއުލޭޓް

އިންޑިއާގެ ކެރެލާ ސްޓޭޓުގެ ސަރުކާރުން ރާއްޖެއަށް 600 އަނބުގަހާއި 600 ހައިވަކަރު ގަސް ހަދިޔާކޮށްފި އެވެ.

އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން މިއީ ފަސް މިލިއަން ގަސް އިންދުމާށް ދިވެހި ސަރުކާރުން ފަށާފައިވާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން ހަދިޔާކުރި ގަސްތަކެކެވެ.

މި ތަކެތި ޓްރެވިންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓާ މިހާރު ހަވާލުކޮށްފައިވާ ކަމަށް އެ ނޫހުގައާއި ޓްރެވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުންވެސް ވަނީ ބުނެފަ އެވެ. ކޮންސިއުލޭޓުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ކޮންސުލް ޖެނެރަލް އާމިނަތު ޝިފާނާ އެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނީ, ރާއްޖެއަށް ހަދިޔާކުރި އަނބުގަސްތަކަކީ ވެއްލަޔާނީގެ ކޮލެޖް އޮފް އެގްރިކަލްޗާއިން ގެނައި ގަސްތަކެއް ކަމަށާއި އަދި ހައިވަރުކަރު ގަސްތައް ހޯދާފައިވަނީ ކަލަތުޕުޒާގައި ހުންނަ ސެންޓްރަލް ނާސަރީން ކަމަށެވެ. މި ގަސްތައް ރާއްޖެއަށް ފޮނުވުމަށް ހަލާކު ނުވާނެހެން ބަންދުކޮށްފައިވަނީ ޕީޖައްޕޫރާގައި ހުންނަ ޑިސްޓްރިކްޓް ޕާމަނަންޓް ނާސަރީގައި ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދެވުމަށް އެހީތެރިވެދިނުމުގެ ގޮތުން އިންޑިއާއިން ގަސްތައް ފޮނުވައިދެއްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވައުދުވެވަޑައިގެންފަ އެވެ.