”ކުޑަކުދީންނަށް އޯގާތެރިނުވާ މީހާއީ، އަހަރެމެން މުސްލިމުންގެ ތެރެއިންވާ މީހެއް ނޫނެވެ“

ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ އެފަދަ ފަރާތްތަކަށް އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބުދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށާއި މަސްއޫލުވެރި އެންމެހައި ފަރާތްތަކަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

”ކުޑަކުދީންގެ ޙައްޤުތައް“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ކުޑަކުދީންނަކީ މާތްﷲ، އެ ކުދީންގެ މައިންބަފައިންނާ ހަވާލުކުރައްވައިފައިވާ އަގުހުރި އަމާނާތެއް ކަމަށާއި ހުރިހާ ޙާލެއްގައި، އަދި ހުރިހާ ވަގުތެގައިވެސް އެ މަތިވެރި އަމާނާތަށް ރައްކައުތެރިވުން މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވާ ކަމަށެވެ.

އަދި މި ހަފުތާގެ ތެރޭގައި ހިނގި ހިތާމަވެރި ދެ ހާދިސާއެއްގައި ނިޔާވި ދެ ކުދީންނަށް ހެޔޮ ދަރުމަ މިންވަރުކުރައްވައި އެ ކުދީންގެ އާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި މާތް ﷲގެ ޙަޒުރަތުގައި ވަނީ ދުއާ ދަންނަވައިފަ އެވެ.

ހުތުބާގައި ބުނީ, ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުޢާޙަދާތަކާއި ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރީން، މާތް ﷲ އެކަލާނގެ ޝަރީޢަތުގައި ކުޑަކުދީންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވާފައިވާ ކަމަށެވެ.

މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

”އަދި ފަޤީރުވެދާނެ ކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރީން ނުމަރާށެވެ! އެ ކުދީންނަށާއި، އަދި ތިޔަބައިމީހުންނަށް ރިޒުޤުދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެ ދަރީން މެރުން އެއީ ބޮޑުވެގެންވާ ފާފައެއްކަމުގައި ވިއެވެ.“ އެހެންކަމުން އުންމަތުގެ ކުޑަކުދީން، ރައްކާތެރި، އަމާން މާޙައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދިނުން ކޮންމެ މުސްލިމެއްގެ މައްޗަށް މި އާޔަތުން ލާޒިމުކުރެއެވެ.

ކުޑަކުދީންނަށް ލިބިދޭންވާ ޙިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ ޢާއިލާއެއްގެ ތެރެއިންނާއި އެފަދަ ޢާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމައުއަކުންކަން ފާހަގަކޮށް ހުތުބާގައި ބުނީ, ޢާއިލާއެއް ބިނާކުރުމުގައި މާތް ނަބިއްޔާގެ އިރުޝާދުތަކަށް ބޯލަނބަންޖެހޭ ކަމަށެވެ. އެގޮތުން މުސްލިމުންނަށް ކިޔައިއުޅޭ ހެއު ރަނގަޅު ނަމެއް ދަރީންނަށް ކިޔައި، އެ ކުދީންގެ އިސްލާމީ ޝަޚުޞިއްޔަތު ބިނާކުރުމަކީ އެ ކުދީންނަށް ލިބިދޭންޖެހޭ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުންޏެވެ.

އޭގެ އިތުރުން އެ ކުދީންނަށް ލިބިދޭންޖެހޭ ޙައްޤުތަކުގެތެރޭގައި އަނިޔާވެރިކަމާއި، ތަފާތުކުރުންތަކާއި، ގަނާކުރުން ފަދަ ކަންކަމުން އެ ކުދީން ރައްކާތެރިކުރުން ހިމެނޭ ކަމަށާއި ތަރުބިޔަތުގައި ޢިލްމާއި އަޚުލާޤު މުހިންމުވާފަދައިން ރޫޙާނިއްޔަތުގެ ބޭނުންވެސް ނުހަނު ބޮޑު ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ, ކުޑަކުދީންނަކީ މާތް ރަސްކަލާނގެ ދެއްވި އަގުހުރި ހަދިޔާއެއް ކަމަށާއި އެކަލާނގެ ރިޢާޔަތުގެ ދަށުގައިވާ ޠާހިރު ނަފުސުތަކެއް ކަމަށެވެ. ނަމަވެސް ކުޑަކުދީންނަށް އިހުމާލުވެ, އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި އެ ކުދީންނަށް ލާއިންސާނީ އަނިޔާތައްކުރާ މީހުންގެ އަހަރެމެންގެ ތެރޭގައި އުޅޭކަމީ ހިތާމައެއް ކަމަށާއި އެފަދަ މީހުންގެ ތެރޭގައި އެ ކުދީންނަށް އެންމެ ބޮޑަށް އަޅައިލުމާއި އޯގާތެރިކަން ދިނުން ލާޒިމުވާ އެ ކުދިންގެ މައިންބަފައިން ހިމެނޭކަމީ ހިތާމަހުރި އަދި އެހާމެ ހިތްދަތިވާ ކަމެއް ކަމަށް ބުންޏެވެ.

މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

”އަހަރެމެންގެ ތެރެއިން ކުޑަކުދީންނަށް އޯގާތެރިނުވާ މީހާއީ، އަހަރެމެން މުސްލިމުންގެ ތެރެއިންވާ މީހެއް ނޫނެވެ.“