މިދިޔަ އޮގަސްޓު މަހުގެ 26 ގައި ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓާ ރިލީފް ފަންޑަށް، 1 މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރެއްވުމަށް ނިންމަވާފައިވާކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި އެހީއަކީ ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން ދޭ އިސްކަމާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ޤައުމު، އަނެއް ޤައުމަށް ހަމްދަރުދީއާއެކު އެހީތެރިވެ، އެ ޤައުމަކާއެކު ރާއްޖެއިން ދެމިއޮންނާނެ ކަމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ނޭޕާލަށް ކުރިމަތިވި މި ކާރިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސް ވަނީ ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވައި، މި އުނދަގޫ ދަނޑިވަޅުގައި، ނޭޕާލްގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުވެ އޮތްކަން ހާމަކުރައްވައިފަ އެވެ.
ރާއްޖެއާއި ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1980 ގައެވެ.


