ރައްޔިތުންގެ މަޖިލީހަކީ ކުއްތާ ކޮއްޓެކޭ ޔާމީން ވިދާޅުވުމުން އަބްދުއްރަހީމް ކޯފާވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ---

ރައްޔިތުންގެ މަޖިލީހަކީ ކުއްތާ ކޮއްޓެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވުމުން އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ, ޔާމީންގެ ފަރާތުން ފެނިގެންދަނީ ވެރިކަމުގެ ދަހިވެތިކަން އިންސާނެއްގެ ހިތުގައި އޮތް މިންވަރު ކަމަށެވެ.

އެގޮތުން ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ބޮޑެތި ބިޔަ ގައުމުތަކަށް ލިބިގެންވާ ހުރިހާ ހައްގުތަކެއްވެސް ރާއްޖެއަށް ލިބިގެންވާ ކަމަށާއި އަދި ރާއްޖޭގައި ގާނޫނުއަސާސީއަކަށް އަމަލުކުރަމުންދާއިރު, އޭގެން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެވޭތޯ ރައީސުލްޖުމްހޫރިއްޔާވެސް, ރައްޔިތުންގެ މަޖިލީހުންވެސް އަދި ޝަރުއީ ދާއިރާއިންވެސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ.

”..ރައްޔިތުން ވޯޓު ދީގެން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވަޑައިގެން މި ތިއްބަވަނީ. އެ ބޭފުޅުން އެއީ މި ނިޒާމުގައި ތިން ބާރުގެ ތެރެއިން އެއް ބާރު. ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ބަސް އިއްވަން އެ ބޭފުޅުން އެތަނަށް ވަޑައިގެން އެ ތިއްބަވަނީ. ރައްޔިތުން ބޭނުންވާ ގޮތަށޭ ރައްޔިތުންގެ މަޖިލީހުގައި ބަސް ބުނާނީ. އެއީ ސުވާލެއްވެސް އޮތްކަމެއް ނޫން. އެ ބޭފުޅުންނަށް މުހާތަބު ކުރައްވައި ގައުމުގެ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު, އަދި އެ ބޭފުޅަކުވެސް 21 އަހަރު ދުވަސް ވަންދެން އެ ތަނުގައި ހިދުމަތް ކުރައްވަން އިންނެވި ބޭފުޅަކު, ކުއްތާ ކޮއްޓެއް ގޮތަށް ރައްޔިތުންގެ މަޖިލިސް ސިފަކުރީމާ, އެ ބޭފުޅެއްގެ ހިތުގައި އޮތް ކިބުރުވެރިކަމާއި ބޮޑާކަން މިއަށްވުރެ ބޮޑަށް އެނގޭނެ އެހެން ގޮތެއް އަޅުގަނޑަކަށް ނުފެނޭ,“ އަބްދުއްރަހީމް ވިދާޅުވި އެވެ.