ދަރަނިތައް އަދާކުރަން ނަޝީދު ދެއްވާ ހިޔާލު؛ ޕްރައިވަޓައިޒް ކުރުން ނުވަތަ ހަރުމުދާ ވިއްކުން

ދައުލަތުގެ ދަރަނިތައް ދެއްކުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ކުންފުނިތައް ޕްރައިވަޓައިޒް ކުރުން ނުވަތަ ހަރުމުދާ ވިއްކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ, މި ސަރުކާރުން ހިއްކަން ފެށި ފުށިދިއްގަރުފަޅުގައި އަބޫ ދާބީގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން މެރީނާއަކާއި ވޯޓާ ފްރަންޓެއް ހިމެނޭހެން 20 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ސަރުކާރާއެކު މިއަދު އެއްބަސްވުމުގައި ސޮއިކުރުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނަޝީދު ވިދާޅުވީ, ރަސްމާލޭގައި އެފަދަ މަޝްރޫއުއެއް ހިންގުމަކީ ރަނގަޅު ހިޔާލެއް ކަމަށެވެ. ނަމަވެސް އެއީ މި ވަގުތު ރާއްޖޭގެ މާލީ ދަތިކަމުން އަރައިގަތުމަށް ކުޑަވެސް ގުޅުން ހުރި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

”ހުރިހާ ކަމެއް އެންމެ ރަނގަޅަށް ދިޔަ ނަމަވެސް އެތަނުން (ރަސްމާލޭގައި ތަރައްގީކުރާ މެރީނާ އަދި ވޯޓާ ފްރަންޓް މަޝްރޫއުއިން) ދައުލަތަށް އެއްޗެއް ލިބެން އަދި މަދުވެގެން ދެ އަހަރު ނަގާނެ. މިވަގުތު މުހިންމު ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރު މުދަލެއް ވިއްކުން,“ ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ގެންދަވަނީ ރާއްޖޭގެ މާލީ ހާލަތު ދަށްވެ, ދައުލަތުގެ ރިޒާވުގައި ޑޮލަރު ނެތް ވާހަކަ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ބޭރު ގައުމުތަކަށް ދައްކާނެ ފައިސާއެއްވެސް ނެތް ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.