ރަސްމާލޭގައި ހިންގަން ނިންމާފައިވާ ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓް މަޝްރޫއުއާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި އަދި ހައްސާސް ކަންބޮޑުވުންތަކެއް ހުރި އިރު, އެ ކަންކަމަށް އީޖާބީ ޖަވާބުތަކެއް ދިނުން ލާޒިމު ކަމަށް މި ސަރުކާރުގައި ފޮރިން މިނިސްޓަރަކަށް ހުންނެވި އަބްދުالله ހަލީލު ވިދާޅުވެއްޖެ އެވެ.
”މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ“ގެ ނަމުގައި އަބޫ ދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއަށް ރަސްމާލެއިން ބޮޑުބައެއް ދީގެން ހިންގަން ނިންމާފައިވާ މަޝްރޫއުއާ ގުޅިގެން ގިނަ ބަޔަކު ދަނީ އެ މަޝްރޫއުގެ ހާމަކަން ކުޑަކަމާއެކު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ސަރުކާރުގައި ހެލްތް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ހަލީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެސް ތަރައްގީގެ ދުވެލީގައި ރާއްޖެ ކުރިއަރައި ދިއުމަކީ ނާދިރު ކަމެއް ކަމަށެވެ. ނަމަވެސް އެފަދަ ޕްރޮޖެކްޓްތައް, ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް, ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒުވުމަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެ, ޕްރޮޖެކްޓް ކާމިޔާބުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ, ރަސްމާލޭގެ އިންވެސްޓްމަންޓްއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި އަދި ހައްސާސް ކަންބޮޑުވުންތަކެއް ހުރި އިރު, ގައުމާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭން އައްޔަންކޮށްފައި ތިބި ވެރިންގެ ހައިސިއްޔަތުން ސަރުކާރުން އެ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބޭނެފަދަ ޖަވާބުތަކެއް ރައްޔިތުންނަށް ދޭންޖެހޭ ކަމަށެވެ.
އެގޮތުން އޭނާ ވަނީ މެރީނާ މަޝްރޫއުއާ ގުޅޭ ގޮތުން ހުރި ބައެއް ސުވާލުތައް ހިއްސާކުރައްވައިފަ އެވެ.
- ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ހަރަދުކޮށްފައިވަނީ ކިހާ މިންވަރެއްތޯ؟
- ރަސްމާލޭގެ ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވިފައިވޭތޯ؟ އަދި އެއީ ކިހާވަރެއްތޯ؟
- އިންވެސްޓްމަންޓުން އަޕްފުރަންޓް ޕެއިމަންޓްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބޭތޯ؟ އަދި އެއީ ކިހާ މިންވަރެއްތޯ؟
- އިންވެސްޓް ކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ އަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި. އެހެންކަމުން، ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ކޮބާތޯ؟ އަދި ވިޔަފާރީގެ ޓެކްސް ނުހިމަނާ، ޕްރޮޖެކްޓްގެ ތެރެއިން ދައުލަތަށް/ ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ އަދި ކިހާ މުއްދަތެއްގެ ތެރޭގައިތޯ?
- ބިމުގެ މިލްކްވެރިކަން ދޫކުރަނީ ދާއިމަށްތޯ؟ ބިމުގެ މިލްވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، 99 އަހަރު އަލަށް ފެށޭތޯ?
- 5,000 ހައުސިން ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ނުވަތަ ނޫންތޯ؟
- މި އިންވެސްޓްމަންޓްގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ/ ރައްޔިތުންގެ އެއްވެސް ޙައްގެއް ގެއްލޭތޯ?


