އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދާލަތު ޕާޓީ، 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އީސީން ބުނި ގޮތުގައި، އެ ޕާޓީ ޖޫރިމަނާކުރީ 2024 ވަނަ އަހަރުގެ އެ ޕާޓީގެ އޮޑިޓް ރިޕޯޓު، މިދިޔަ އޮކްޓޫބަރު ފަހެއްގައި ހުށަހެޅިއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮށްފައިވާ ހުރިހާ ޚަރަދުތަކުގެ ތަފުޞީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ޚަރަދުތައް ތަފްޞީލާއެކު ބެލެހެއްޓުން ލާޒިމުކޮށްފައިވެ އެވެ.
ނަމަވެސް، އަދާލަތުގެ އޮޑިޓް ރިޕޯޓު، އޮޑިޓް ކޮށްފައިވާ ފަރާތުން، 2024 ވަނަ އަހަރު ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައިނުވުމުގެ ސަބަބުން އެ ކަންކަން ކަށަވަރުނުކުރެވޭކަން ފާހަގަކޮށްފައިވެ އެވެ.
އީސީން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ދައްކާ ގޮތުން އަދާލަތު ޕާޓީގައި މިވަގުތު ޖުމުލަ 6086 މެންބަރުން އެބަ ތިއްބެވެ.


