އޮކްޓޯބަރ 5, 2024

މަޖިލިސް އިންތިޚާބު މާރިޗް މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަންނަ މިއަހަރުގެ މާރިޗް މަހުގެ 17 ވާ އާދީއްތަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރޯދަމަސްތެރޭގައި މަޖިލިސް އިންތިޚާބު ބާއްވަން ކަނޑައެޅީ އިންތިޚާބު ރަމަޟާން މަހުގެ ފަހުގެ ތާރީޚެއްގައި ބާއްވާނަމަ އިދާރީ ހުރަސްތަކެއް ހުރުމުން ކަމަށެވެ. އަދި ފަހުން އިސްލާހުކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާގޮތުން ޢީދު ބަންދަށްފަހު ފެށޭ ހަފުތާއަކީ ސްކޫލްތަކުގެ އިމްތިޚާން ދުވަސްތައް ކަމަށްވުމުން ސްކޫލްތައް ލިބުން ދަތިވެ، ވޯޓުލާ މަރުކަޒުތައް ޤާއިމުކުރުމަށް އެކަށީގެންވާ ތަންތަން ނުލިބޭނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، ސަރުކާރުގެ ވުޒާރަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތައް ދިމާވާނެ ކަމަށް ވެސް އީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ އަވަސް ކޮށްދެއްވުމަށް އީސީން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކާ ބެހޭ ކޮމިޓީގައި އެދުނެވެ. ނަމަވެސް އެ ކޮމިޓީން ލަފާ އެރުވީ ޤާނޫނުގައި ބުނާ މުއްދަތު ރަމަޟާން މަހަށް ފަހުވެސް ލިބޭތީ، ރަމަޟާން މަސް ނިމުމުން އިންތިޚާބު ބޭއްވުމަށެވެ. ރަމަޟާން މަހަށްފަހު އިންތިޚާބު ބޭއްވުމަށް އެމްޑީޕީން ވެސް އީސީގައި އެދުނެވެ. އެ ޕާޓީން ފޮނުވި ސިޓީއާ ގުޅިގެން އީސީން ވަނީ އެ ޕާޓީއާ ބައްދަލުކޮށް މަޝްވަރާ ކުރައްވާފައެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުވެސް މިއަދު އާއްމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ”ވިހި24“ އެވެ. އެއީ މަޖިލީހުގެ 20 ވަނަ ދައުރުގެ އިންތިޚާބު 2024ގައި ބާއްވާތީ އީސީން ކަނޑައެޅުއްވި ޝިއާރެކެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިއީ މިހަރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާއަށްވުރެ 6 ދާއިރާގެ އިތުރުވުމެކެވެ.

އިތުރު 6 ދާއިރާ މި މަޖިލީހުގައި ހިމެނުމަށް އީސީން ނިންމެވީ އާބާދީއަށް ބެލުމަށްފަހުއެވެ. އެގޮތުން އަލަށް މާލެ ސިޓީއަށް 2 ދާއިރާ، އައްޑޫ ސިޓީއަށް ދާއިރާއެއް، ބ އަދި ލ. އަތޮޅަށް ދާއިރާއެއް އަދި ގއ. އަތޮޅަށް ދާއިރާއެއް އިތުރުވެއެވެ.