ނޮވެމްބަރ 22, 2024

ރައީސްގެ ޗައިނާ ދަތުރުފުޅު: 30 ބޭފުޅުން ވަޑައިގެން، ދަތުރަށް 2.4 މިލިއަން ރުފިޔާ ހަރަދުވި

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ކުރެއްވި ހަރަދުގެ ތަފުސީލު ރައީސް އޮފީހުން މިއަދު ހާމަކޮށްފި އެވެ.

ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޗައިނާއަށް ވަޑައިގެންނެވީ މި މަހުގެ 13-7 އަށެވެ. އެ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް އޮފީހުން މިއަދު އާންމުކޮށްފައިވާ އެ ދަތުރުފުޅުގެ ހަރަދުގެ ތަފުސީލުން އެނގޭ ގޮތުގައި އެ ދަތުރުފުޅުގައި 30 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މުޅި ދަތުރަށް ހަރަދުވީ 2،428،113.93 (2.4 މިލިއަން) ރުފިޔާ އެވެ. އޭގެ ތެރެއިން ޓިކެޓަށް ހަރަދުވީ 2،020،482.60 (2 މިލިއަން) ރުފިޔާ އެވެ.

ޓިކެޓް ހަރަދު:

  • 13 ބިޒްނަސް ކްލާސް ޓިކެޓަށް: 1,090,209.42ރ.
  • 46 އިކޮނޮމީ ކްލާސް ޓިކެޓަށް: 930,273.18ރ.

 

އެހެނިހެން ހަރަދު:

  • 30 ބޭފުޅުންގެ ޕޮކެޓްމަނީއަށް: 300،495ރ.
  • ދިވެހިންނާ ބައްދަލުކުރެއްވުމުގެ ހަފުލާ ހަރަދަށް: 3،374.79ރ.
  • ސިމްކާޑާއި ވީޕީއެން ހަރަދަށް: 14،341.69ރ.
  • އިންސިޑެންޓަލް ހަރަދަށް: 89،419.85ރ.

 

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ހުސްވި ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ.

ރައީސް މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. ހުސްވި ނޮވެމްބަރު މަހުގެ ތެރޭގައި ކުރެއްވި އެ ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ.

އެއަށްފަހު ދެން އެ މަނިކުފާނު ވަޑައިގެންނެވީ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީ އަށެވެ. ނޮވެމްބަރު 30 އިން ޑިސެމްބަރު 2 އަކަށް ކުރެއްވި އެ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ.